ޓިއުނީޝިއާގެ ރައީސް އިތުރު ބާރުތައް އަތްޕުޅަށް ނަންގަވައިފި

ޓިއުނީޝިއާގެ ރައީސް އިތުރު ބާރުތައް އަތްޕުޅަށް ނަންގަވައިފި

ޓިއުނީޝިއާގެ ރައީސް ކައިސް ސައީދު ގާނޫނު ހެދުމުގެ ބާރާއި އަދި ވެރިކަން ކުރުމުގެ އިތުރު ބާރުތައް އަތްޕުޅަށް ނެންގެވުމުގެ ގޮތުން، އިތުރު ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށް އޭނާގެ އޮފީހުން ބުދަ ދުވަހު ހާމަ ކޮށްފިއެވެ. އެހެންނަމަވެސް މިފިޔަވަޅުތަކުގެ އިތުރު ތަފްސީލުތަކެއް އޭނާ ދެއްވާފައެއް ނުވެއެވެ.

ސައީދުގެ އޮފީހުން އިތުރަށް ހާމަ ކޮސްފައިވާ ގޮތުގައި، އެނާ އެގައުމުގެ ގާނޫނު ހަދާ މަޖިލިސް މިއަހަރުގެ ޖުލައިމަހުން ފެށިގެން ސަސްޕެންޑް ކޮށްފައި އޮންނަ އޮތުން އެގޮތުގައި ދެމި އޮންނާނޭ ކަމަށާއި، އަދި އޭގެއިތުރުން ޓިއުނީޝިއާގެ ޕޮލިޓިކަލް ސިސްޓަމަށް އިތުރު ބަދަލުތައް ގެނައުމަށްޓަކާ އޭނާ ޚާއްސަ ކޮމިޓީއެއް އުފައްދަވާނޭ ކަމަށެވެ.

އާ ބޮޑުވަޒީރެއް އަޔަން ކުރައްވާނެކަމަށް ވިދާޅުވެ، ފާއިތުވެދިޔަ ޖުލައިމަހު ސައީދު އެގައުމުގެ ގާނޫނުހަދާ މަޖިލިސް ސަސްޕެންޑްކޮށް، ބޮޑުވަޒީރު މަގާމުން ދުރުކޮށް، އަދި ރިޔާސީ ހުރިހާ ބާރެއް އަމިއްލަ އަތްޕުޅަށް ނެންގެވި ނެންގެވުން އެގައުމުގެ އިދިކޮޅު ފަރާތްތަކުން ސިފަ ކުރަމުންދަނީ އޭނާ ގެނައި ބަޢާވާތެއްގެ ގޮތުގައެވެ.

އެހެންނަމަވެސް، އޭގެ ދެމަސްފަހުންވެސް، ގިނަ ބަޔަކު އަދިވެސް އުއްމީދު ކުރަމުންދަނީ، 2011 ވަނަ އަހަރު ޓިއުނީޝިއާ ޑިމޮކްރަސީއަކަށް ރުޖޫޢަ ވުމަށްފަހު އެގައުމު 2014ވަނަ އަހަރު ބަލައިގަތް ގާނޫނު އަސާސީއަށް އޭނާ ބޮޑެތި ބަދަލުތައް ގެންނަވާނޭ ކަމަށެވެ. އެހެންނަމަވެސް ސައީދު އަދިވެސް ވިދާޅުވަމުން ގެންދަވަނީ، ބަދަލު ގާނޫނު އަސާސީއަށް ގެންނަން އޭނާ ބޭނުންފުޅުވާ ބަދަލުތައް އަދިވެސް މުޅިން ފުރިހަމަކޮށް ނިމިފައި ނުވާކަމުގައެވެ.

އަދި، ޓީއުނީޝިއާގެ އިގްތިސާދީ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުންދާއިރު، ސައީދު އަދިވެސް ވިދާޅުވަމުން ގެންދަވަނީ، އޭނާ ޓިއުނީޝިއާއަށް އާ ބޮޑުވަޒީރަކު ވަރަށް އަވަހަށް އައްޔަން ކުރައްވާނެ ކަމުގައެވެ.

ސައީދުގެ އޮފީހުގެ ސޯޝަލް މީޑިއާ ފީޑްތަކުން ބުދަދުވަހު އާންމު ކޮށްފައިވާ ގޮތުގައި، އޭނާ އިއުލާން ކޮށްފައިވާ ޙާއްސާ ހާލަތާއި ފުށުނާރާ ގޮތުން، ޓިއުނީޝިއާގެ މިހާރުގެ ގާނޫނު އަސާސީން ލިބިދީފައިވާ ޖާގައިގެ ތެރޭގައި އޭނާ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައެވެ.

ޓިއުނީޝިއާގެ މުސްލިމް ބްރަދަހޫޑް އެއްނަހުދާ ޕާޓީގެ ލީޑަރ ރަޝިދު ގައްނައުޗީ ބުދަ ދުވަހ ރޮއިޓާސްއަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ، ރައީސް ކައިސް ސައީދު އާންމު ކޮށްފައިވާ ޚާއްސަ ޙާލަތަކީ އެގައުމުގެ ގާނޫނު އަސާސީ ބަލައި ނުގަތުން ކަމަށާއި އޭނާގެ ޕާޓީން އެކަން ބަލައި ނުގަންނާނެ ކަމަށެވެ.

ޓިއުނީޝިއާގެ ރައީސް އޮފީހުން ހާމަ ކޮށްފައިވަނީ، އެގައުމުގެ ގާނޫނުހަދާ މަޖިލިސް ސަސްޕެންޑް ކޮށްފައި އޮތްއޮތުން ދެމި އޮންނާނެ ކަމަށާއި، އަދި އެގައުމުގެ ޕޮލިޓިކަލް ސިސްޓަމަށް ބަދަލު ގެނައުމަށް ކޮމިޓީއެއް އެކުލަވާލުމަށް ރައީސް ސައީދު ނިންމަވާފައި ވާއިރު، ޚާއްސަ ހާލަތުގައި އޭނާއަށް ލިބިފައިވާ އިމްތިޔާޒާއި ބާރުތަކުގެ ބޭނުން ކުރައްވަމުން ގެންދަވާނެ ކަމުގައެވެ.

ޓިއުނީޝިއާގެ ރައީސް ސައީދުއަކީ، 2019ގެ ޓިއުނީޝިއާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން އެންމެ ފުރަތަމަ ފާޅުކުރެއްވި ކެނޑިޑޭޓޭވެ. އޭނާ އެ އިންތިޚާބުގައި ވާދަކޮށްފައިވަނީ އެއްވެސް ސިޔާސީ ޕާޓީއަކާއި ގުޅިވަޑައިގެނެއް ނޫނެެވެ. ނަތީޖާއެއްގެ ގޮތުން، ސިޔާސީ ފަރާތްތަކުގެ ޗަރުކޭސްތަކުގެ މަތިން ފޫހިވެފައިވާ އެތަކެއް ރައްޔިތުންނެއްގެ ތާއީދު އޭނާއަށް ލިބިގެން ދިޔައެވެ. އަދި ވަކީން ޚާއްސަކޮށް، ޓިއުނީޝިއާގެ ޒުވާން އާބާދީގެ ބޮޑު އިންސައްތައެއްގެ ތާޢީދުވެސް އޭނާއަށް އެ އިންތިޚާބުގައި ލިބިގެން ގޮސްފައި ވާކަން ފާހަގަ ކޮށްލެވެއެވެ.

2011 ވަނަ އަހަރު، މުޅި އަރަބިކަރަޔަށް އައި އަރަބި ބަހާރުގައި، އަރަބި ގައުމުތަކުގައި އޮތް ޒަމާންވީ ޚުދުމުޚުތާރު ވެރިކަންތަކާ ދެކޮޅަށް ގައުމުތަކުގެ ރައްޔިތުން ދެތުވެ ގެނައި އިންގިލާބުތަކުގައި، ހަގީގީ ޑިމޮކްރަޓިކް ބަދަލު އައި އެއްގައުމަކަށް ވެގެން ދިޔައީ ޓީއުނީޝީއާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *