ފަތުރުވެރިކަމުގެ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވާން އީޔޫން 2 މިލިއަން ޔޫރޯ

ފަތުރުވެރިކަމުގެ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވާން އީޔޫން 2 މިލިއަން ޔޫރޯ

ކޯވިޑުގެ-19 ސަބަބުން ލިބުނު ގެއްލުމަށް އަރައިގަތުމަށް ފަތުރުވެރިކަމުގެ ދާއިރާގެ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް އަމާޒުކޮށްގެން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން 2 މިލިއަން ޔޫރޯގެ ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދީފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އީޔޫއިން ދިން މި 2 މިލިއަން ޔޫރޯ ބޭނުން ކުރާނީ ގެސްޓްހައުސްތަކާއި ސަފާރީތަކަށް ކޮވިޑުގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ކަމަށެވެ.

އެހީގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އީޔޫގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީ އާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ އެމްޑީ ހަސަން މަނިކެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެހީގެ މައިގަނޑު މަގުސަދަކީ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތައް ކޮވިޑުގެ ނޭދެވޭ އަސަރުތަކުން އަރައިގަނެ، އިގުތިސޯދު ޑައިވާސިފައި ކުރުމަށް އެހީތެރިވެދިނުން ކަމަށް އީޔޫން ބުންޏެވެ.

މައިގަނޑު ދެ ބަޔަކަށް ބަހާލާފައިވާ މި އެހީގެ ދަށުން 1.4 މިލިއަން ޔޫރޯ ފައިސާގެ އެހީގެ ގޮތުގައި ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް ނިންމާފައި ވާއިރު ބާކީ 600،000 ޔޫރާ ބޭނުންކުރާނީ ތަމްރީން ޕްރޮގްރާމްތަކަށް ހާއްސަކޮށްގެން ކަމަށްވެސް އިޔޫއިން ބުނެއެވެ.

ކޯވިޑުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށެވެ. އޭގެތެރެއިންވެސް ސަފާރީ ތަކާއި ގެސްޓްހައުސްތައް ފާހަގަކޮށްލެވެއެވެ.

ކޯވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އީޔޫއިން މީގެކުރިންވެސް ވަނީ އެހީ ދީފައެވެ. އޭގެތެރޭގައި ސިއްހީ ދާއިރާއަށް ފޯރުކޮށްދިން އެއް މިލިއަން ޔޫރޯގެ އެހީ އާއި އިގުތިސޯދު އަލުން ކޮޅަށް ޖެހުމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކު މެދުވެރިކޮށް ހަމަޖައްސައިދިން 20 މިލިއަން ޔޫރޯގެ ލޯނު ފާހަގަކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *