ޤާސިމް އެދެނީ ފެންފުށި ފަޅުން ބައެއް ދިނުމަށް

ޤާސިމް އެދެނީ ފެންފުށި ފަޅުން ބައެއް ދިނުމަށް

ރިސޯޓެއް ތަރައްގީ ކުރަން ވިލާ ޝިޕިން އެންޑް ޓްރޭޑިންއަށް ކުއްޔަށް ދޫކޮށްފައި އޮތް ތ. އެލާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އަތުލުމުން އެ ރަށުގެ ބަދަލުގައި އދ. ފެންފުށީ ފަޅު ދިނުމަށް ވިލާ ގްރޫޕްގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ.

ގާސިމް މިކަމަށް އެދިވަޑައިގެންފައި މިވަނީ މިމަހުގެ ހަތްވަނަ ދުވަހު އެމަނިކުފާނު ސޮއިކުރައްވާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ފޮނުއްވާފައިވާ ސިޓީއެއްގައެވެ. އދ. ފެންފުށި ފަޅަކީ ގާސިމްގެ ރިސޯޓެއް ކަމުގައިވާ ސަން އައިލެންޑް ރިސޯޓާއި ގާސިމްގެ ރަށް، މާމިގިއްޔާ ވެސް ވަރަށް ގާތުގައި އޮތް ފަޅެކެވެ.

ވިލާ އަށް ދޫކޮށްފައިވާ ތ. އެލާ ސަރުކާރަށް ނަގަން ނިންމުމާ ގުޅިގެން ގާސިމް ފުރަތަމަ އެދިވަޑައިގެންނެވީ ތ. ކަނިމީދު ނުވަތަ ތ. ކަޅުފަހަލަފުށި ދޫކޮށްދިނުމަށެވެ. ނަމަވެސް އެ ދެ ރަށް ވެސް މިވަގުތު ދެވެން ނެތް ކަމަށް ސަރުކާރުން އެންގުމުން ފެންފުށީ ފަޅުން ބައެއް ހިއްކައިގެން ރިސޯޓެއް ހަދަން ގާސިމް ހުށަހެޅުއްވީ ކަން އަވަސް އަށް ކޮޕީ ލިބިފައިވާ ސިޓީގައިވެއެވެ.

އެެހެންކަމުން އެންމެ ފަހުން ގާސިމް ފޮނުއްވި ސިޓީގައި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ، އދ. ފެންފުށީގެ ހުޅަނގު އުތުރުގައި އޮންނަ ފަޅު ހިއްކައިގެން ރިސޯޓު ތަރައްގީ ކުރަން ދިނުމަށެވެ. ގާސިމްގެ ސިޓީގައި ވަނީ ފަޅު ހިއްކައިގެން ރިސޯޓު ހެދުމަކީ ހަރަދު ބޮޑު ކަމަކަށް ވާތީ، އެ ފަޅު ވިލާ ކުންފުންޏަށް 99 އަހަރަށް ދިނުމަށް އެދިފައެވެ. ތ. އެލާ އަކީ 2006 ވަނަ އަހަރު އައްބާސް މުހައްމަދު ނަމަކަށްކިޔާ މީހެއްގެ އަތުން ވިލާ ކުންފުނިން ގަނެފައިވާ ރަށެކެވެ.

ވިލާ އަށް ދީފައިވާ ރ. މާނެންފުށި، ކ. ބޮލިދުއްޕަރު، ވ. ވާވެއްދިފަޅު، ތ. އެލާ އަދި ގދ. ގަޒީރާގެ އެއްބަސްވުންތައް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ ބާތިލްކޮށްފައެވެ. އަދި އެތަން ތަނަށް ދޭން ޖެހޭ ކުލީގެ ގޮތުގައި 188 މިލިއަން ޑޮލަރު ނުވަތަ 2.9 ބިލިއަން ރުފިޔާ ދެއްކުމަށް ވެސް ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރުގެ ތެރޭގައި ވިލާ އަށް އެންގިއެވެ.

އެ މައްސަލަ ބެލުމަށް ފަހު 2018އިގައި ސުޕްރީމް ކޯޓުން ނިންމީ އެތަންތަން އަނބުރާ އަތުލަން ހައިކޯޓުން ކޮށްފައިވާ ހުކުމް ބާތިލު ކުރުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *