އަނެއްކާވެސް އައު ރެކޯޑް ޢަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފއެވެ. މިފަހަރު ރާއްޖެއަށް ވަނީ 6000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ކޯވިޑް-19އާއި ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު ވަރަށް ބޮޑަށް ދަށްވެފައ އޮތުމަށްފަހު، ފަތުރުވެރިކަން ރަނގަޅުވާން ފަށާފައިވަނީ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވާން ފެށުމާއި ގުޅިގެންނެވެ. މިގޮތުން މިމަސް ފެށުނުފަހުން ވަނީ ރާއްޖޭޣެ ފަތުރުވެރިކަން ކުރިއާއި އަޅަބަލާއިރު ވަރަށް ބޮޑަށް ރަނގަޅުވާން ފަށާފައެވެ. އެގޮތުން މިމަހުގެ މިހާތަނަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އަދި މިމަހު މިވަނީ ފަތުރުވެރިކަމުގެ އައު ރެކޯޑެއްވެސް ހަދާފައެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެދުވަހު ރާއްޖެއަށް 6083 ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެކުރިން މި ރިކޯޑް އޮތީ މިއަހަރުގެ މާރޗް މަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެ އައިސްފައިވަނީ 5375 ފަތުރުވެރިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4847 ފަތުރުވެރިން އާދެއެވެ. އަދި އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި 10 ދުވަސް ހޭދަކުރެއެވެ. މިއީ ކޯވިޑަށްފަހު މިހާބޮޑު ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރެވެ.
2020 ވަނަ އަހަރާއި އަޅާބަލާއިރު ރާއްޖޭގެ ފަތުރުވެރިކަން މިހާރު ވަނީ %68.5 ކުރިއަރާފައިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 651،146 ފަތުރުވެރިން ވަނީ އައިސްފައެވެ. 2020 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 386،454 ފަތުރުވެރިންނެވެ.