ދިވާލީގައި އަކްޝޭގެ ފޭނުންނަށް ހަދިއާއެއް!

ދިވާލީގައި އަކްޝޭގެ ފޭނުންނަށް ހަދިއާއެއް!

އިންޑިއާގައި އެންމެ ގަދައަށް ފާހަގަ ކުރަމުންދާ އެއް ފެސްޓިވަލް ކަމުގައިވާ ދިވާލީ އަކީ ގިނަ ފިލްމުތަކެއް ނެރޭ ދުވަސްވަރެކެވެ. ޗުއްޓީއާ ދިމާކޮށް ފިލްމްތައް ނެރުމުގެ ބޭނުމަކީ ފިލްމްތަކަށް އެފަދަ ދުވަސްތަކުގައި ފިލްމުބެލުން ފަދަކަންކަމަށް ޝައުގުވެރިކަންހުންނަ މީހުން ގިނަވެ ޑިމާންޑް ބޮޑުވުމެވެ. މަޝްހޫރު ބޮޑެތި، ތަރިންގެ ފިލްމްތައް މި ދުވަހާއި ދިމާކޮށް ނެރުމުގެ އަސްލަކީ ވިޔަފާރީ ރަނގަޅުކުރުމެވެ.

ނަމަވެސް ކޯވިޑްގެ ސަބަބުން އިންޑިއާގެ ތިއޭޓަރުތަކާއި ސިނަމާތައް ބަންދު ކޮށްފައި އޮންނަތާ މިހާރު އަހަރަކަށް ވުރެ ގިނަދުވަސް ވަނީ ވެފައެވެ. އެއާއި އެކު ފިލްމްތައް ތިލީޒް ކުރުމަށް އޮންލައިން ޕްލެޓްފޯމްތައް އިހްތިޔާރުކުރުމަށް ގިނަ ޕްރޮޑިއުސަރުންނަށް ވަނީ މަޖުބޫރު ވެފައެވެ.

ނަމަވެސް މިހާރު އަނެއްކައިވެސް އިންޑިއާގައި ކޯވިޑްގެ ހާލަތު ހަމަ އަކަށް އެޅެމުން ދިއުމާއި އެކު، މެދުކެނޑާލާފައިވާ ބައެއް ޝޫޓިންތައް އަލުން ފަށައި، ނޭޅުވި ހުރި ފިލްމްތައް އެޅުވުމަށް ޕްރޮޑިއުސަރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އަކްޝޭ ކުމާރުގެ އެންމެ އިންތިޒާރު ކުރެވޭ އެއް ފިލްމު "ބެލްބޮޓަމް" މިމަހުގެ 19 ގައި 3ޑީކޮށް ސިނަމާތަކުގައި އެޅުވުމާއެކު ސިނަމާތަށް އަލުން ހުޅުވަން ފިލްމު އިންޑަސްޓްރީ ގެންދަނީ ތައްޔާރުވަމުންނެވެ. މި ފިލްމަކީ ވެސް މަސައްކަތް ނިމި، ކޯވިޑްގެ ސަބަބުން ތާރިހު ދިގުދެމެމުން އައިސްފައިވާ ފިލްމެކެވެ.

މިއާއި އެކުއެކީގައި އަކްޝޭގެ "ބައްޗަން ޕާންޑޭ"ގެ ޓްރެއިލާ މިއަހަރުގެ ދިވާލީގައި ދައްކާލުމަށް ފިލްމުގެ ޕްރޮޑިއުސަރ ސާޖިދު ނަޑިއާޑްވާލާ ތައްޔާރުވަމުންދާކަމަށް ބޮލީވުޑްގެ ރިޕޯޓްތައް ވަނީ ބުނެފައެވެ. އަދި ސާޖިދުގެ މަގްސަދަކީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ފިލްމު ބެލުންތެރިންނާ ހަމައަށް ގެނައުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މި ތާރީހަކީ ފިލްމު އަޅުވާނެކަމަށް މިއަހަރުގެ ޖަނަވަރީ މަހު އިއުލާންކުރި ތާރީހެވެ.

އަކްޝޭގެ 2019 ގެ ފިލްމު “ހައުސްފުލް 4” ގެ ޑައިރެކްޓަރު ފަރުހާދު ސަމްޖީ ޑައިރެކްޓްކުރާ މި ފިލްމުގައި އަކްޝޭގެ އިތުރުން ކްރިތީ ސެނަން، ޖެކޮލިން ފެރްނާންޑޭޒާއި އަރުޝަދު ވަރުސީ ވެސް ފެނިގެންދާނެއެވެ.

"ބައްޗަން ޕާންޑޭ" އަކީ އަކްޝޭގެ ގާތް އެކުވެރިޔާ ޕްރޮޑިއުސަރ ސާޖިދާއެކު އޭނާ މަސައްކަތްކުރާ 10 ވަނަ ޕްރޮޖެކްޓެވެ. މީގެ ކުރިން "ހައުސް ފުލް" ސީރީޒްގެ ފިލްމު ތަކާއި "މުޖްސޭ ޝާދީ ކަރޯގީ" ފަދަ ފިލްމު ތަކަކީ މި ދެއެކުވެރިން އެކުގައި ގެނެސްދީފައިވާ ކާމިޔާބު ފިލްމުތަކެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *