ރާއްޖޭގައި ފްލައިން ސްކޫލް ހިންގުމަށް 13 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.
އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ ފްލައިން ސުކޫލް ހިންގުމަށް ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކުގެ ތެރޭގައި މެދުއިރުމަތި، ޔޫރަޕް، އެމެރިކާގެ އިތުރުން ރާއްޖޭގެ ކުންފުންޏެއް ވެސް ހިމެނޭ ކަމަށެވެ. ޝައުގުވެރިކަން ފާޅުކުރި ގިނަ ކުންފުނިތަކަކީ ފްލައިން ސުކޫލް ހިންގުމުގެ ތަޖުރިބާ ވެސް ބޮޑު ކުންފުނިތަކެއް ކަން އޮފިޝަލް ވަނީ ފާހަގަކުރައްވާފައެވެ. އައިލެންޑް އޭވިއޭޝަނުން މިހާރު ގެންދަނީ ޝައުގުވެރިކަން ފާޅުކުރި 13 ކުންފުނީގެ ޕްރޮޕޯސަލް އިވެލުއޭޓް ކުރަމުންނެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ ރާއްޖޭގެ އެއާޕޯޓެއްގައި ފްލައިން ސްކޫލު ހިންގާނީ އެކަމަށް ހާއްސަ ކޮށްށްގެން އުފައްދާ ސަބްސިޑަރީ ކުންފުންޏަކުންކަމަށާއި، އެތަން ހިންގާނީ މިނިވަންކަމާއެކުކަމަށެވެ.
ރާއްޖޭގައި މިހާރުވެސް ފްލައިންގ ސްކޫލެއް އަންނަނީ ހިންގަމުންނެވެ. ނަމަވެސް އޭޝިއަން އެކަޑަމީ އޮފް އެއިރޯނޯޓިކްސްގެ ދަށުން އައްޑޫ ސިޓީގައި ހިންގާ ފްލައިން ސުކޫލްގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންގެ ކިޔެވުމާމެދު ހުރި ގިނަ ޝަކުވާތަކެއް މީގެކުރިން އެކުދިން ވަނީ ކަމާބެހޭ ފަރާތްތަކަށްވެސް އެކި ފަހަރުމަތިން ހުށައަޅާފައެވެ. މީގެތެރޭގައި އެތަނުގައި ކިޔަވައިދެމުން އަންނަ 170 އަށްވުރެ ގިނަ ދަރިވަރުންނަށް ބޭނުންވާވަރަށް މުދައްރިސުން ނެތުމާއި ފްލައިންގެ ގަޑި ހަމަކުރުމަށާއި ކިޔެވުމުގައި ބޭނުންކުރާނެ ބޯޓު ނެތުމުގެ މައްސަލަތައް ހިމެނެއެވެ.
ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ފްލައިން ސްކޫލެއް ހިންގުމަށް ފުރުސަތު ހުޅުވާލައިފައި ވަނީ ޖޫންމަހުގެ 1 ވަނަ ދުވަހުއެވެ.