މިދިޔަ އަހަރު ރާއްޖޭގެ އިޤްތިޞާދުގައި ދައުރުވި ފައިސާގެ އަދަދު 40 ބިލިޔަށްވުރެ މައްޗަށް އަރާފައިވާކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނެފިއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ވާގޮތުން މިދިޔަ އަހަރު ނިމުނު އިރު އިގްތިސާދުގައި ދައުރުވި ޖުމްލަ ފައިސާގެ އަދަދު 41.4 ބިލިއަން ރުފިޔާ އަށް އަރައެވެ. ކުރީ އަހަރު ނިމުނު އިރު ޖުމްލަ ދައުރުވި ފައިސާގެ މިންވަރު ހުރީ 10 ޕަސެންޓުގައެވެ. އެ އަހަރު 36 ބިލިއަން ރުފިޔާ ދައުރުވެފައިވެއެވެ.
އެމްއެމްއޭ އިން ބުނީ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެފައި ވަނީ ނެޓް ޑޮމެސްޓިކް އެސެޓްގެ އަދަދު 51 ޕަސެންޓަށް އިތުރުވުމުންނެވެ. ނެޓް ޑޮމެސްޓިކް އެސެޓްގެ ތެރޭގައި ސަރުކާރުން ނެގި އޯވާޑްރާފްޓް ފެސިލިޓީ ވެސް ހިމެނޭނެ އެވެ. މިއީ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވި އެންމެ ބޮޑު ސަބަބު ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.
އެމްއެމްއޭއިން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާގޮތުން ޑޮލަރުގެ ރޭޓް އެއް ހަަމައެއްގައި ހިފެހެއްޓުމަށް މިދިޔަ އަހަރު ވިއްކި ޑޮލަރުގެ އަދަދުވެސް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ހުސްވި އަހަރު 633.9 ޑޮލަރު ދޫކޮށްފައިވާއިރު، މިއީ 2019 ވަނަ އަހަރާއި އަޅާ ބަލާއިރު 1 އިންސައްތަ އިތުރު އަދަދެކެވެ.
އެމްއެމްއޭއިން ވަނީ މިދިޔަ އަހަރުތެރޭ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 392.8 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ މިދިޔަ އަހަރު އެމްއެމްއޭއިން ވިއްކާފައިވާ މުޅި ޖުމްލަ ޑޮލަރުގެ 62 އިންސައްތައެވެ. މި އަދަދަކީ 2019 ވަނަ އަހަރާއި އަޅާބަލާއިރު 2 އިންސައްތަ ދަށް އަދަދެކެވެ.
ސަރުކާރުން ވަނީ 4.4 ބިލިއަން ރުފިޔާ އޯވާޑްރޯ ކުރަން ނިންމައިފައެވެ. އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން އެމްއެމްއޭގެ ނެޓް ފޮރިން އެސެޓްގެ އަދަދު ވަނީ ދަށްވެފަ އެވެ. ނެޓް ފޮރިން އެސެޓް ދަށްވެފައި ވަނީ ބޭރު ފައިސާ ޑިޕޮސިޓް ކުރި ވަރު މަދުވުމުގެ ސަބަބުންނެވެ.