ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ނުދެއްވާ، މިހާރުވެސް ޤާނޫނުގައި ބަޔާންކުރާގޮތަށް ބޭއްވުމަށް މަޖިލިސް އިން ފާސްކޮށްފިއެވެ. އެގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެންބަރުންގެ ވޯޓުންނެވެ. އެބާރު ރައީސްއަށް ދޭން ފެންނަނަކަމަށް ވޯޓު ދެއްވީ29 މެންބަރުންނެވެ.
މަޖިލީހުން މިގޮތަށް ފާސްކުރެއްވިނަމަވެސް މައްސަލަ ދިރާސާކުރެއްވި ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭގޮތަށެވެ. ނަމަވެސް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު މަޖިލީހުގެ ތަޅުމުގައި ހުށައެޅުއްވީ މިހާރު އޮތްގޮތަށް ބޭއްވުމަށެވެ. އަދި އެގޮތަށް ފާސްވިއެވެ.
ސިއްޙި ކުއްލި ހާލަތު އިއުލާންކުރުމުގެ ބާރު ރައީސްއަށް ދިނުމާިއ ގުޅޭގޮތުން އެމްޑީޕީ ޕީޖީ ގްރޫޕްގެ މެންބަރުންގެ މެދުގައިވެސް ޚިޔާލު ތަފާތުވުން އުފެދިފައިވެއެވެ.
ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭގޮތަށް ބިލުގައި ހިމަނާފައިވާ މައިގަނޑު ސަބަބަކީ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތަކީ، ކަމާގުޅުންހުރި މިނިސްޓަރު އިޢުލާނުކުރާ ކުއްލި ނުރައްކަލުގެ ޙާލަތެއްގެ ބަދަލުގައި، ޤާނޫނު އަސާސީގެ 253 ވަނަ މާއްދާއިން އެއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރެއްކަމަށްވާތީ، އެ މާއްދާގައިވާ ގޮތުގެމަތިން، އެއީ ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވާ ކުއްލި ނުރައްކަލުގެ ޙާލަތެއްގެ ގޮތުގައި ކަނޑައެޅުމުގެ ގޮތުންކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ކޮމިޓީ ރިިޕޯޓުގައި ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތައް ހިމަނާފައިވެއެވެ. އެންމެ ބޮޑު އިސްލާހެއްގެ ގޮތުގައި ކޮމިޓީން ފާސްކޮށްފައިވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށެވެ.
ކޮމިޓީން ގެނެސްފައިވާ އިސްލާހު ގައި ބުނެފައިވަނީ ޢާންމު ޞިއްޙަތަށް ނުރައްކާތެރި ބަލިމަޑުކަމެއް ކުރިމަތިވެއްޖެނަމަ، ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ނުވަތަ ކަނޑައެޅޭ ވަކި ސަރަޙައްދުތަކެއްގައި، ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމުގައެވެ. އަދި އާާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތެއް ކުރިމަތިވެއްޖެކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ޑިރެކްޓަރ ޖެނެރަލްއަށް ފެނިއްޖެނަމަ، އޭނާ އެކަން ވަޒީރަށް އަންގައި، އެކަމުގެ ލަފާ ވަޒީރަށް ދިނުމަށްފަހު އެކަން ލަސްނުކޮށް ވަޒީރު ރައީސަށް އެކަން ހުށަހަޅަންޖެހޭކަމަށް ކަނޑައަޅާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ މިއަދު ބޭއްވުމަށް ނިންމުމާއި ގުޅިގެން، ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އއުލާންކުރުމުގެ ބާރު ރައީސްއަށް ދިނުމުގެ އިޞްލާހާމެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް ރޭ ވަނީ ބާއްވާފައެވެ.
އެ ބައްދަލުވުމުގައި މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވެ، ބައްދަލުވުން ވަނީ ހޫނުވެފައެވެ. އަދި ވަކިގޮތެއް ނިންމިފައެއްނުވެއެވެ.
ރޭ ބޭއްވި އެމްޑީޕީ ޕީޖީ ބައްދަލުވުމުގައި ސިއްޙީ ކުްލި ނުރައްކަލުގެ ހާލަތު ރައީސްއަށް ދިނުމަށް ނުވަތަ މިހާރު އޮތްގޮތަށް ބޭއްވުމަށްވެސް ވަކި ކޮޅަކަށް އަޣްލަބިއްޔަތު ލިބިފައެއް ނުވެއެވެ. އެހެންކަމުންެ އެ އިޞްލާހު ފާސްނުވުމާއި ގުޅިގެން ސިއްޙި ކުއްލި ނުރައކްަލުގެ ހަލަތު އިއުލާންކުރުން އޮންނާނީ މިހާރުވެސް އޮންނަގޮތަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ.