އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީން ބޭނުން ބަޔަކު ހޮވާނެ: ފަލާޙު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީން ބޭނުން ބަޔަކު ހޮވާނެ: ފަލާޙު

އިދިކޮޅު އެމްޑީޕީގައި މިހާރުވެސް ގިނައީ ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ކަމަށާއި، އަންނަ ހުކުރު ދުވަހު އޮންނަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީން ބޭނުން ބަޔަކު ހޮވޭނެ ކަމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރު މުވައްޒަފުން ވަކި ޕާޓީއެއްގެ މެންބަރަކަށް ވުމަށް މަޖުބޫރުކުރުން ހުއްޓުވުމަށް، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން ފަލާޙު ވިދާޅުވީ، އެމްޑީޕީގެ 13 މެންބަރުން އަޅުވެތިކޮށްފައި ތިބީ އެ ޕާޓީގެ ލީޑަރޝިޕުން ކަމަށެވެ. އެ މެންބަރުން ހައިޖެކްކޮށްފައި ތިބުމަށް ނިމުމެއް ގެނައުމަށް ރައީސް ގޮވާލައްވަމުން، ޕީއެންސީގެ މަޖިލިސް މެންބަރުން އެ 13 މެންބަރުންނަށް އަޅައިނުލާނަމަ އެމީހުންގެ ހާލު ހުންނާނެ ގޮތެއް އެހެން ބަޔަކަށް ނޭނގޭނެ ކަމަށް ބުންޏެވެ.

އެމްޑީޕީގެ ޖަލްސާތަކުގައި ފަސްވަނަ ސަފަށް ލާ، އެ މެންބަރުންނަށް ވާހަކަދެއްކުމުގެ ފުރުސަތެއް ނުދެޔޮ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައިވެސް ބޭނުންވާ ވާހަކައެއް ދެއްކޭނެ ފުރުސަތެއް ނެތް ކަމަށް ފަލާޙު ތުހުމަތުކުރެއްވިއެވެ.

ޕީއެންސީއަށް މެންބަރުން ވަންނަނީ ސަރުކާރުގެ ސިޔާސަތަށް ތާއީދުކޮށްގެން ކަމަށް ފަލާޙު ވިދާޅުވިއެވެ. މިދިޔަ 25 ދުވަހުގެ ތެރޭގައި އެމްޑީޕީން 7,000 މެންބަރުން ވަކިވެއްޖެ ކަމަށާއި، ގައުމީ މަޖިލީހުގެ އިންތިޚާބަށްފަހު އަންނަ ހަފްތާގެ ތެރޭގައި އިތުރު 10,000 އެއްހާ މެންބަރުން މަދުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިހާރުވެސް ގިނައިން ތިބީ ޕީއެންސީ މެންބަރުން އެމްޑީޕީގަ. ޕީއެންސީން ބޭނުން ބަޔަކު އެމްޑީޕީގެ ދާއިރާތަކަށް ހޮވޭނީ މިފަހަރުވެސް،" ފަލާޙު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *