16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން މަޝްވަރާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން މަޝްވަރާކުރަނީ

ކުޑަކުދިންނާއި ޒުވާނުން ސައިބާ ބުލީއިން އާއި އޮންލައިންކޮށް ދިމާވާ އެކި ނުރައްކާތަކުން ސަލާމަތްކުރުމަށްޓަކައި، 16 އަހަރުން ދަށުގެ ކުދިންނަށް ވަކި މީސްމީޑިއާ އެޕްތަކެއް ބޭނުންކުރުން މަނާކުރާއި ގުޅޭގޮތުން ގޮތްތަކެއް ކަނޑައަޅަން ސޯޝަލް ކައުންސިލަށް ހުށަހަޅައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ކުޑަކުދިންނާއި ޒުވާނުން މީސްމީޑިއާގެ ނުރަނގަޅު ކަންކަމުގެ ތެރެއަށް ވަންނަމުންދާ ކަމަށާއި، ސައިބާ ބުލީން އާއި އޮންލައިން ގްރޫމިން ފަދަ ނުރައްކާތެރި ކަންކަމުގެ ޝިކާރައަކަށް ކުދިން ވެގެންދާ މައްސަލައަކީ މުޅި ދުނިޔެއަށް ވެސް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި ރާއްޖެއަކީ އިސްލާމީ ގައުމަކަށްވެފައި، އެކުވެރި، ކުޑަ މުޖުތަމައަކަށް ވާއިރު މިފަދަ ގެއްލުންދެނިވި ކަންކަމުން ކުޑަކުދިން ރައްކާތެރިކުރުމަކީ ސަރުކާރުގެ ބޮޑު ޒިންމާއެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"މި ޑިސްްކަޝަންގައި އަޅުގަނޑުމެންވާނެ ސަރުކާރު ތެރޭގައި އަޅުގަނޑުމެންގެ ބައެއް ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފައި، ރައީސުލްޖުމްހޫރިއްޔާ އެކަށައަޅުއްވާފައި އޮންނާނެ ސޯޝަލް ކައުންސިލެއް ކެބިނެޓުގެ ސަބް ކޮމިޓީއެއްގެ ގޮތުގައި. އެ ކައުންސިލުގެ ލަފަޔަކަށް އަޅުގަނޑުމެން އިއްޔެ ވާނެ ޕޭޕަރެއް ހުށަހަޅާފައި." އިހުސާން ވިދާޅުވިއެވެ.

ވަޒީރު އިހުސާން ވިދާޅުވީ، މިކަމުގައި އޮސްޓްރޭލިޔާއިން އަމަލުކުރަމުންދާ އުސޫލުތަކަކީ ވަރަށް ރަނގަޅު މިންގަނޑެއް ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ. އެހެންކަމުން، އޮސްޓްރޭލިޔާގެ މޮޑެލްގެ އަލީގައި ރާއްޖޭގައި ވެސް 16 އަހަރުން ދަށުގެ ކުދިންނަށް ވަކި އެޕްތަކެއް މަނާކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، މީސްމީޑިއާ ހިންގާ ބައިނަލްއަގުވާމީ ކުންފުނިތަކާ މަޝްވަރާކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާނެ ކަމަށެވެ.

މި ނިޒާމު ގާއިމުކުރުމަށްޓަކައި ސިވިލް ސޮސައިޓީތަކާއި، ކަމާގުޅޭ ޖަމުއިއްޔާތަކުގެ އިތުރުން އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަސައްކަތް އެންމެ ލަސްވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށާއި، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު މިއަހަރުގެ ތެރޭގައި ވެސް މި ގަވާއިދުތަކަށް އަމަލީގޮތުން ފިޔަވަޅު އަޅައި، ތަންފީޒު ކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

މީގެއިތުރުން، މި ފިޔަވަޅުގެ މާނައަކީ ޑިޖިޓަލައިޒޭޝަނާ ރާއްޖެ ދުރަށް ދިޔުން ނޫންކަން ފާހަގަކުރައްވަމުން އިހުސާން ވިދާޅުވީ، ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ "މޯލްޑިވްސް 2.0″ ގެ ދަށުން، ރާއްޖެއަކީ އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) އަދި ފުރިހަމަ ޑިޖިޓަލް ގައުމަކަށް ހެދުން ކަމަށެވެ. އެހެންކަމުން، އިންޓަނެޓް މެދުވެރިކޮށް މައުލޫމާތާއި ތައުލީމު ހޯދުމަށާއި، ތަފާތު ފަންނުތައް ދަސްކުރުމަށް ދަރިވަރުންނަށް އޮތް ފުރުސަތުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށާއި، ސަރުކާރުގެ މަގްސަދަކީ ކުދިންނަށް ލިބޭ ގެއްލުންތަކުން އެކުދިން ސަލާމަތްކުރުން އެކަނި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *