ސޯޝަލް މީޑިއާގެ ވަސީލަތްތައް ވަކި އުމުރުފުރައެއްގެ ކުދިންނަށް ރެސްޓްރިކްޓް ކުރުމުގެ ސިޔާސަތެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި، ނަމަވެސް މިއީ އާންމު ރައްޔިތުންނަށް ސޯޝަލް މީޑިއާ ބޭން ކުރުމަށް ކުރާ ކަމެއް ނޫން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، މިސިޔާސަތު އެކުލަވާލަނީ އިންޓަނެޓާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން އެ ކުދިން ރައްކާތެރިކުރުމުގެ ގޮތުން ކަމަށެވެ. މުޅިި ސޯޝަލް މީޑިއާ ބޭން ނުކުރެވޭނެ ކަމަށާއި، ރެސްޓްރިކްޓު ކުރެވޭނީ ވަކިވަކި އެޕްސް ނުވަތަ ވެބްސައިޓުތަކެއް ކަމަށް ވިދާޅުވިއެވެ.
ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، އޮންލައިން މާހައުލުގައި ތުއްތު ކުދިންނަށް ދިމާވާ ގްރޫމިން، ސައިބާ ބުލީން، މިސްއިންފޮމޭޝަން އަދި އުމުރާ ނުގުޅޭ ކަންކަމަށް ކުދިން ހުށަހެޅުމުން ރައްކާތެރިކުރުމަށް ފިޔަވަޅުތައް އަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ އިޢުލާންކުރައްވާފައެވެ. ސަރުކާރުން މިހާރު ވިސްނަމުންދަނީ ތަޢުލީމީ އަދި ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދޭ އެޕްލިކޭޝަންތަކަށް އެކްސެސް އޮންނަ ގޮތަށް ބަހައްޓައި، ގެއްލުންހުރި ކޮންޓެންޓްތަކަށް ވަދެވޭ ސޯޝަލް މީޑިއާތައް އޭޖް ރެސްޓްރިކްޓް ކުރެވިދާނެ ގޮތްތަކެއް ދެނެގަތުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން ކެބިނެޓްގެ ސަބް ކޮމިޓީއެއްގެ ގޮތުގައި އޮންނަ ސޯޝަލް ކައުންސިލްގެ މަޝްވަރާއާއި ލަފައަށް އެދި އިއްޔެ ޕޭޕަރެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިކަމުގައި ކުރިއަށްދާނީ އެ ކައުންސިލްގެ ލަފާ ލިބުމުން، މަދަނީ ޖަމްޢިއްޔާތަކާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާވެސް ހޯދައިގެން ކަމަށާއި، ސިޔާސަތެއް އެކުލަވައިލުމަށްފަހު ގޮތެއް ނިންމުމަށް ކެބިނެޓަށް ހުށަހަޅުއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ދުނިޔޭގެ އެހެން ޤައުމުތަކުގައި މިފަދަ ކަންކަން މެނޭޖްކުރާ ގޮތްތަކަށްވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އޮސްޓްރޭލިއާ، ފްރާންސް، ނޯވޭ، އިނގިރޭސިވިލާތް، އެމެރިކާގެ ފްލޮރިޑާ ސްޓޭޓު އަދި ޔޫއޭއީގައިވެސް މިފަދަ ފިޔަވަޅުތައް އަޅާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ޙާލަތަށް ބައްލަވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެ ޑިޖިޓަލައިޒޭޝަނާ ދިމާލަށް ދާއިރު އަދި "މޯލްޑިވްސް 2.0″ ސިޔާސަތު ތަންފީޒުކުރަމުންދާއިރު، އުމުރުން 10 އަހަރުން މަތީގެ ކުދިންނަށް އީފާސް މެދުވެރިކޮށް ތަޢުލީމީ އަދި ސިއްހީ ބޭނުންތަކަށާއި ކުދިންގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ޑިޖިޓަލް ޚިދުމަތްތަކަށް އެކްސެސް ލިބެންޖެހޭ ކަމަށެވެ. އެހެންނަމަވެސް ކުދިން އެކްސްޕްލޮއިޓް ކުރުމާއި ބުލީކުރުން ފަދަ ގެއްލުންހުރި ކަންކަމަށް އެކުދިން ހުށަހެޅޭ ސޯޝަލް މީޑިއާ މާހައުލުން އެ ކުދިން ރައްކާތެރިކުރެވޭނެ ގޮތެއް ހޯދުމަކީ މުހިންމު ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެހެންނަމަވެސް މި ދެންނެވި ހާމްފުލް ޗައިލްޑް އެކްސްޕްލޮއިޓޭޝަން ކަހަލަ ކުދިން ބުލީކުރުން ކަހަލަ. އަދި ހާމްފުލް ބައެއް އިންފޮމޭޝަން ކުދިންނަށް އެކްސްޕޯޒްވާ ކަހަލަ މީޑިއާތައް ނޫނީ ސޯޝަލް މީޑިއާތައް އެ ކުދިންނަށް ނުފެންނާނެ ގޮތަކަށް އެ ކުދިންނަށް އޮންލައިންކޮށް ޑިޖިޓަލް އެންވަޔަރަންމަންޓެއްގެ ތެރޭގައި މެނޭޖްކުރެވޭނީ ކިހިނެއްތޯ،" ވަޒީރު އިހްސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރުގެ ޓެކްނިކަލް ޓީމުތަކުން މިހާތަނަށް ދިރާސާކޮށް ބެލިބެލުމުން މިފަދަ ރެސްޓްރިކްޝަންތައް ގެނައުމަށް އެންމެ އެކަށޭނަ އުމުރަކީ 16 އަހަރު ކަމަށް ރެކޮމެންޑޭޝަން ދީފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް ޤާނޫނަކަށް އިޞްލާޙެއް ގެނައުމުގެ ކުރިންނާއި، ކެބިނެޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.






