ހުވަދޫ ކަނޑަށް ގެއްލުނު އެމްއެންޑީއެފްގެ އޮފިސަރު މަރުވެއްޖެ ކަމަށް ކޯޓުން ކަނޑައަޅައިފި

ހުވަދޫ ކަނޑަށް ގެއްލުނު އެމްއެންޑީއެފްގެ އޮފިސަރު މަރުވެއްޖެ ކަމަށް ކޯޓުން ކަނޑައަޅައިފި

ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް ދިޔަވެ، އަޑިއަށް ދިޔަ ސަޕްލައި ދޯނި ސަލާމަތްކުރުމުގައި އުޅެނިކޮށް ގެއްލުނު އެމްއެންޑީއެފްގެ ސާޖަންޓް އިބްރާހިމް އަހުމަދު މަރުވެއްޖެ ކަމަށް ގދ. މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅައިފި އެވެ.

އިބްރާހިމް އަހުމަދު ގެއްލުނީ "ފްރެންޑްސް 4″ ނަމަކަށް ދޯނި ސަލާމަތްކުރަން، ދިޔަ ހިއްކަން އުޅުމުގެ ތެރޭގައި އެރި ރާޅަކާއެކު އަރި އަޅާލައިގެން ހިނގި ހާދިސާގައެވެ. އެ ހާދިސާގައި އިބްރާހިމް އަހުމަދުގެ އިތުރުން ދޯނީގެ ކެޕްޓަން ތ. މަޑިފުށި/ ދޮންވެލި، މުހައްމަދު ހަމްދޫން އަދި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ސާޖަންޓް އަލީ ނާފިއު ވެސް ވަނީ ކަނޑަށް ގެއްލިފަ އެވެ.

އިބްރާހިމް އަހުމަދުގެ މައްޗަށް ޣައިބުގައި ކުރާ ކަށުނަމާދު އަންނަ ހުކުރު ދުވަހު، ހުކުރު ނަމާދަށްފަހު ސަލްމާން މިސްކިތުގައި ބާއްވަން ވަނީ ނިންމައިފަ އެވެ. އޭނާ ނިޔާވި ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އޮގަސްޓް މަހުގެ 5 އެވެ.

ގެއްލޭ މީހުންގެ މައްޗަށް ކަށުނަމާދު ކުރެވޭނީ، އެ މީހަކު މަރުވެފައިވާ ކަމަށް ކޯޓުން ކަނޑައެޅުމުންނެވެ.

އެމްއެންޑީއެފުން ކުރިން ބުނި ގޮތުގައި އެ ދޯނި ބަންޑުން ޖަހާލީ ގއ. ކުޑަލަފަރީގެ 4.1 ނޯޓިކަލް މޭލު ބޭރުންނެވެ. އެ ސަރަހައްދުގެ ފުންމިނުގައި 1،645 މީޓަރު (5،489 ފޫޓު) ހުންނާނެ ކަމަށް ލަފާކުރާއިރު، އެ ފުން މިނުގައި ދޯނި އޮތް ނަމަ މައްޗަށް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

އެ ތިން މީހުން ގެއްލުނީ ގެނބެމުން ދިޔަ ދޯނި ސަލާމަތްކުރަން، ދިޔަ ހިއްކަން އުޅުމުގެ ތެރޭގައި އެރި ރާޅަކާއެކު އަރިއަޅާލައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *