ބޭނުންވެގެން ބުނި ބޭސް ނުލިޔެދިނުމުން، ހޭ އަރުވާލާނެކަަމަށް ބުނެ ޑޮކްޓަރަށް އިންޒާރުދިން މީހަކު ޖަލަށް ލުމަށް މ.މުލީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ހުކުމް ކުރީ މ. މުލި ތޯތާގެ ފަޔާޒްގެ މައްޗަށެވެ.
އޭނާގެ މައްޗަށް، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ކުރީ، މީހަކަށް އަނިޔާއެއް ލިބިދާނެފަދަ ކުށެއް ކޮށްފާނެކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާއެވެ.
އެއީ މުލީ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަންގޮސް ޑރ. ރެހެމަތުﷲ ލިޔެދިން ބޭސް ކަމުނުދާ ކަމަށާއި، އޭނާ ބޭނުން ވަނީ ޕެރެގަބްލިން ނަމަކަށްކިޔާ ބޭހެއްކަމަށް ބުނުމުން، އެބޭސް ދިނުމަށް ޑޮކްޓަރު ދެކޮޅު ހެދުމުން، ޑޮކްޓަރު ކޮޓަރީގައި އަޑުގަދަކޮށް އެ ކޮޓަރިން ނުކުންނަމުން، މަގުމަތިން ފެނިއްޖެއްޔާ ހޭ އަރުވާލާނެކަަމަށް ބުނެ ޑޮކްޓަރަށް އިންޒާރުދީފައިވާތީއެވެ.
މި މައްސަލައިގެ ޝަރީއަތުގެ ތެެރެއިން، މި ކުށަށް ފަޔާޒް ވަނީ އިއުތިރާފްވެފައެވެ.
އެހެންކަމުން އޭނާގެ އިއުތިރާފްގެ މައްޗަށް މިކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، ދެ މަހާއި 21 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކުރިއެވެ. އަދި ޖަލު އަދަބު 16200 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އަދަބަކަށް ބަދަލުކޮށް ތިން މަސް ދުވަހުގެތެރޭގައި އެފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަން ކޯޓުން އަމުރުކުރިއެވެ.






