މާލެ ސަރަހައްދުގެ ވައި ނުރައްކާތެރި މިންވަރަށް ނުސާފުވެފައިވާކަން އެއާ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކައިފިއެވެ.
އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި، މާލޭގައި ވައިގެ ކޮލިޓީ މިވަގުތު ހުރީ 159 ގައެވެ. މިއަދު އެންމެ ބޮޑަށް ވައި ނުސާފުވީ ހދ. ކުޅުދުއްފުށީގައި ކަމަށާއި، އެ ރަށުގައި ވައިގެ ކޮލިޓީ ހުރީ 160 ގައެވެ.
އެއާ ކޮލިޓީ އިންޑެކްސް 50 އިން މަތީގައި ހުންނަނަމަ އެއީ މޮޑަރޭޓް ލެވެލް ކަމަށާއި، އެ ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭނެއެވެ. އިންޑެކްސް 100 އަށްވުރެ މަތިވެއްޖެނަމަ ހައި ރިސްކު މީހުންނަށް ނުރައްކާ ބޮޑުވާއިރު، 150 އަށްވުރެ މަތިވެއްޖެނަމަ އެންމެނަށްވެސް ނުރައްކާ ބޮޑުވެއެވެ.
ހުޅުމާލެ 3 ގެ ކުނި ޖަމާކުރާ ސަރަހައްދުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ހުޅުމާލެ 2 ގެ ސަރަހައްދުތަކަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ އިލްތިމާސްކޮށްފައިވެއެވެ.
ރާއްޖެއަށް ނުސާފު ވައިގެ އަސަރު އެންމެ ބޮޑަށް ކުރަނީ، އިރުވައި މޫސުމުގައި އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ. ޑިސެމްބަރުގައި އިރުވައި މޫސުން ފެށުމާއެކު، ނުސާފު ވައިގެ އަސަރު އަނެއްކާވެސް ރާއްޖެއަށް ބޮޑަށް ކުރާނެ ކަމަށް ބެލެވެއެވެ. އެ ވައިގައި ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމާއި، ދަނޑުވެރިކަމުގެ ކުނި އަދި ކޯލް އެންދުމުން އަރާ ދުމާއި، ބޮޑެތި ކޮންސްޓްރަކްޝަން މަސައްކަތްތަކުން އުފެދޭ ކުނޑިވެސް ހިމެނެއެވެ.
މި ސަރަހައްދުގެ ޖައްވު ތަޣައްޔަރުކުރާ މާއްދާތަކުގެ 75-80 އިންސައްތަ އުފެދެނީ ދެކުނު އޭޝިޔާ އާއި ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގައި ހިންގާ އިންސާނީ ހަރަކާތްތަކުގެ ސަބަބުން ކަމަށް ދިރާސާތަކުން ހާމަވެއެވެ. ވައި ނުސާފުވާ ދުވަސްވަރު ރާއްޖޭގައި ނޭވާލާ ނިޒާމުގެ ބަލިތައް އަހަރުން އަހަރަށް އިތުރުވަމުންދާކަންވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.





