ނަޝީދުގެ ރާގު ބަދަލުވެއްޖެ؛ ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށް

ނަޝީދުގެ ރާގު ބަދަލުވެއްޖެ؛ ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށް

ރަސްމާލޭގައި ސަރުކާރުން ހިންގަން އުޅޭ މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، ވެރިން ރަނގަޅު ކަމުގައި ތަސައްވުރު ކުރި ކަންކަންވެސް ރައްޔިތުންނަށް ސާފުނުވާނަމަ ކާމިޔާބުނުވާނެ ކަމަށާއި، ރައްޔިތުން ގަބޫލުނުކުރާ ތަސައްވުރެއް އެމްޑީޕީއަށްވެސް ގަބޫލެއް ނުކުރެވޭނެ ކަމަށެވެ. ކަމެއް ކާމިޔާބުވުމަށް ރައްޔިތުންގެ އަޣުލަބިއްޔަތުގެ ތާއީދު އޮތުން މުހިންމު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަޝްރޫއާ މެދު ހުރި ކަންބޮޑުވުންތައް ރައްޔިތުންގެ މެދުގައި ބަހުސްކުރެވި، އެ މައްޗަށް ރައްޔިތުން ގޮތެއް ނިންމަންޖެހޭ ކަމަށާއި، ފެންނަ ނުފެންނަ ވޯޓެއް ނުނަގައި މަޝްރޫއު ކުރިއަށްގެންދާނަމަ އެއީ ރާއްޖެއަށް ލިބިދާނެ ބޮޑު ގެއްލުމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި ކަމަށް ގޮވާލައި ނޮވެމްބަރު 26 ގައި އެމްޑީޕީން އެއްވުމެއް ބާއްވާނެ ކަމަށްވެސް އެމަނިކުފާނު އިއުލާންކުރެއްވިއެވެ.

ރަސްމާލެ މަޝްރޫއަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ސަރުކާރަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހުން މިދިޔަ މަހު ނިންމި ނަމަވެސް، ނަޝީދު އޭރުވެސް ވިދާޅުވީ އެ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ. މިއަދުވެސް ރެޒިޑެންސީ ޕްރޮގްރާމެއް ހިންގުމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މަޝްރޫއު ހުއްޓާލުމަށް ގޮވާލައި ކުރިއަށްގެންދާ ހަރަކާތުގައި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި އިދިކޮޅު ޕީއެންއެފްވެސް ބައިވެރިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *