ފާޑުކިޔުންތަކާއެކު މީހުން ދޭ އެކިއެކި ލޭބަލްތަކާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި، ކުރިއަށް ދަނީ "އެންމެ ފުރަތަމަ ގައުމު" ޝިއާރާއެކު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ވޭޕް މަނާކުރަން އުޅުނު ދަނޑިވަޅުގައި، އެކަން ނުކުރުމަށާއި، އެއީ ގިނަ ބަޔަކު ވިޔަފާރިތައް ބަނގުރޫޓުވާނެ ކަމެއްކަމަށާއި، އެފަދަ ނިންމުމަކުން ވޯޓު ނުލިބޭނެ ކަމަށް ބުނެ އެތައް ވާހަކަތަކެއް އެމަނިކުފާނާ ހަމައަށް އައި ކަމަށެވެ. އިސްރާއީލު ޕާސްޕޯޓަށް ރާއްޖެއަށް އެތެރެވުން މަނާކުރަން ނިންމި ވަގުތުވެސް ރިސޯޓު އިންޑަސްޓްރީގެ ބޮޑެތި މީހުން ޓޫރިޒަމް ހަލާކުވާނެ ކަމަށް ބުނެ އެދުނު ކަމަށް ރައީސް ވިދާޅުވިއެވެ.
ވޭޕް މަނާކުރުމުން ގައުމަށް ފައިދާތަކެއް ލިބެމުން އަންނަ ކަމަށާއި، އެކަން އެގޮތަށް ނުކުރެއްވި ނަމަ ވަރަށް ބިރުވެރި ހާލަތެއް އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ވޭޕް މަނާނުކުރި ނަމަ ތުއްތު ކުދިން ބޭރަށް ނުކުތުމުން އެ ކުދިން އެކްސްޕޯސްވާނީ ވަރަށް ނުބައި މާހައުލަކަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަކި އުމުރެއްގެ ކުދިންނަށް ދުންފަތް މަނާކުރާ ގޮތަށް ސަރުކާރުން ގެނައި ޖެނަރޭޝަން ބޭނަކީވެސް ޒުވާނުންގެ މުސްތަގުބަލަށްޓަކައި އެޅުއްވި ފިޔަވަޅެއް ކަމަށާއި، އެ ނިންމުން ދުނިޔޭގެ ގައުމުތަކުން ބަލައިގަނެ މިސާލު ނަގަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. "ޖެނަރޭޝަން ބޭންވެސް ހަމަ އެކަހަލަ އަންޕޮޕިއުލާ ކަމެއް. އެހެންނަމަވެސް އަޅުގަނޑުމެން ނިންމީ ދުންފަތުގެ އިސްތިޢުމާލަށް އަދި އެކްސްޕޯސް ނުވާ ކުދިންނަށް އެކުދިންނަށް ބޭންކުރަން،" ރައީސް ވިދާޅުވިއެވެ.
ދުވަސްވީ ރަށްވެއްސެއް ދެންނެވި ވާހަކައެއް ހަނދާންކުރައްވަމުން ރައީސް ވިދާޅުވީ، ރަނގަޅު ނިންމުންތައް ނިންމާއިރު ގިނަފަހަރަށް ފުރަތަމަ މީހުން ބަލައިނުގަންނާނެ ކަމަށާއި، ނަމަވެސް ދުވަސްކޮޅެއްފަހު އޭގެ ފައިދާ ގަބޫލުކޮށް ތާއީދުކުރާނެ ކަމަށެވެ. "އަޅުގަނޑަކީ ދެން މީސްމީހުން ކިޔާ ލޭބަލަށް މާބޮޑަށް ވިސްނާ މީހެއް ނޫން. އެންމެ ފުރަތަމަ ގައުމު، އެ ލޭބަލާއެކު އަޅުގަނޑަށް ކުރިއަށް ދެވެންޏާ ރަނގަޅުވާނެ،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަކީ އެންމެ ރަނގަޅު ނިންމުންތަކެއްކަމަށް މިވަގުތު ގަބޫލުނުކުރި ނަމަވެސް، އަންނަން އޮތް ޖީލުތަކަށް އޭގެ ފައިދާ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.






