ޝާހިދު ހައްޔަރުކުރި އަމުރުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

ޝާހިދު ހައްޔަރުކުރި އަމުރުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް މިއަދު ހައި ކޯޓުގައި ނިންމާލައިފި އެވެ. 

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އުމުރުން 64 އަހަރުގެ ޝާހިދު ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެ ތުުހުމަތުތަކާ ގުޅިގެން، އޭނާ ހައްޔަރުކުރީ މި ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

އޭނާ ހައްޔަރު ކުރުމަށްފަހު ބަންދުގެ ގޮތުހައި 30 ދުވަހުގެ މުއްދަތެއް ކުރިމިނަލް ކޯޓުން ވަނީ ޖަހައިފައެވެ.

އެ މައްސަލައާ ގުޅިގެން ޝާހިދު ހައްޔަރުކުރަން ކުރިމިނަލް ކޯޓުން ނެރުނު އަމުރު، ޝާހިދުގެ ގާނޫނީ ވަކީލުން ހައިކޯޓުގައި އިސްތިއުނާފް ކުރީ، މިމަހުގެ ފަސް ވނަ ދުވަހުއެވެ.

މީގެ ކުރިންވެސް މި މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ތާވަލް ކުރިއެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލްކޮށް މި މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ބޭއްވީ މިއަދު ހެނދުނުއެވެ.

ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ މިއަދުގެ އަޑުއެހުމާ ގުޅޭ ގޮތުން ހައި ކޯޓުން މީޑިއާއިން ބުނީ އަޑުއެހުންތައް މިއަދު ނިންމާލާފައިވާ ކަމަށެވެ. އަދި އިތުރު ކަމެއް ފާހަގަކުރަން ނެތް ނަމަ، ދެން އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުން ކަމަށްވެސް ބުންޏެވެ.

ނަމަވެސް މި މައްސަލައިގެ ހުކުމް ކުރާނެ ދުވަހެއް އަދި ތާވަލް ކޮށްފައިނުވާ ކަމަށްވެސް ހައިކޯޓުްން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *