ރާއްޖޭގައި އިންވެސްޓްކުރަނީ ކުޑަ ޓާމިނަލަކާއި ރިސޯޓެއް ބިނާކޮށް ފައިސާ ހޯދައިގެން ދިއުމަށް ނޫން ކަމަށާއި، ރާއްޖެއާއެކު ކުރިއެރުން ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ޔޫއޭއީގެ ސާހް ގްރޫޕް ފޯ ޓެކްނިކަލް ސާވިސްސް ބުނެފިއެވެ.
ރާއްޖޭގެ އެންމެ އުތުރުގައި އިހަވަންދިއްޕޮޅުގައި ހިންގާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް" ބިޔަ މަޝްރޫއުގެ މައި އެއްބަސްވުމުގައި ރޭ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސާހް ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު އިބްރާހިމް އަލީ މުހައްމަދު އަލްމުތާވާ ވިދާޅުވީ، އެ މަޝްރޫއު ވެލިއުއެޑްކުރެވޭނެ ގޮތާ ބެހޭގޮތުން ކަމާބެހޭ ހުރިހާ ފަރާތްތަކުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޕްލޭނިންގެ މަސައްކަތުގައި ބައިވެރިވި ބޭފުޅުންވެސް ވިސްނާވަޑައިގެންނެވީ 20 އަހަރު ފަހުން މަޝްރޫއުގެ ގޮތް ކިހިނެއްވާނެތޯ ކަމަށް އޭނާ ބުނެފިއެވެ.
"އަޅުގަނޑުމެން އަބޫދާބީއިން މިއައީ ހަމަ އެކަނި ކުޑަ ޓާމިނަލަކާއި ރިސޯޓެއް މިތާ ބިނާކޮށްފައި، އަޅުގަނޑުމެންގެ ފައިސާ ހޯދައިގެން ދާކަށް ނޫން. އަޅުގަނޑުމެން މި ބަލަނީ އެކުގައި ކުރިއެރުން ހޯދަން، އިތުރު ފުރުސަތުތައް ހޯދުން. އަޅުގަނޑަށް ހީވަނީ އެ ފުރުސަތު [ރާއްޖޭގައި] އެބައޮތްހެން،" އަލްމުތާވާ ވިދާޅުވިއެވެ.
މި މަޝްރޫއަކީ ކުރިއަށް އޮތް ޖީލުތަކަށްވެސް ފަހުރުވެރިވާ ފަދަ، ދެމެހެއްޓެނިވި މަޝްރޫއެއް ކަމަށް ބުނެ، މަޝްރޫއުގައި ތެޔޮ ރައްކާކުރާ ޓޭންކުތަކާއި އިންޑަސްޓްރިއަލް އޭރިއާއެއް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. "އަޅުގަނޑުމެން މިތިބީ މާކެޓާ ކައިރީގައި. އަޅުގަނޑުމެން މިއުޅެނީ ދިވެހިރާއްޖެއާ ބައިނަލްއަގުވާމީ ޝިޕިން ރޫޓާ ގުޅާލަން،" އޭނާ ވިދާޅުވިއެވެ. މި މަޝްރޫއުން އުފެދޭނީ ވަޒީފާތަކެއް ހަމައެކަނި ނޫން ކަމަށާއި، އެއީ އުތުރުގެ މުސްތަގުބަލު ބިނާކުރެވޭނެ މަޝްރޫއެއް ކަމަށްވެސް ބުނެފިއެވެ.
ރާއްޖެއަށް ކަނޑައަޅާފައިވާ ޔޫއޭއީ ސަފީރު ހީބާ އަލްޖުނައިބީ ވިދާޅުވީ، ރާއްޖެއާ އެ ގައުމާ ދެމެދު އޮތީ އެކުވެރިކަމާއި އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކުރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް އެހީތެރިވުމުގެ ގުޅުމެއް ކަމަށެވެ.
އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެސްޓީއޯގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ސޮއިކުރެއްވިއިރު، ސާހް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އަލްމުތާވާއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ، މިއީ ރާއްޖޭގެ އުތުރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓްގެ ހިދުމަތް ހިމެނޭ ޕޯޓު ޒޯނަކާއި ލޮޖިސްޓިކްސް އަދި އިގުތިސާދީ މައި މަރުކަޒެއް ގާއިމްކުރުމަށް ދިގު މުއްދަތަކަށް ދެކެމުން އައި ތަސައްވުރު ހަގީގަތަކަށް ހެދުމަށް ލިބޭ ބާރެއް ކަމަށެވެ.






