ކަޅު ދަބަހެއްގައި ރައްޔިތުންގެ މަޖިލީހަށް ފައިސާ ގެންގޮސްގެން، މެންބަރުންނަށް ފައިސާ ނުބަހާކަމަށް، ހަތިމުގަ އަތްލައި ހުވައިކޮށްފަ ބުނަންކެރޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
މެންބަރު ސަލީމްގެ ވާހަކާގައި ފާހަގަ ކުރެއްވީ، މިދިޔަ އާދއިްތަ ދުވަހުގެރޭ، އަޅު ދަބަހެއް ކޮނޑުގައި އަޅުވައިގެން، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހަށް ވެންނެވުމުން، އެއީ ހޯމަ ދުވަހު މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފަ އޮތް، ރިޔަލް ސްޓޭޓްގެ ބިލް ފާސް ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ބެހުމަށް ފައިސާ އަޅައިގެން ގެނައި ދަބަހެއްކަމަށް ތހުމަތުކޮށް ދެކެވޭ ވާހަކަ ތަކަށެވެ.
ސަލީމް ވިދާޅުވީ އެފަދަ ތުހުމަތުތައްކޮށް ވާހަކަ ފަތުރަމުންދަނީ މަޖިލިސް މެންބަރުންގެ އަގު ވައްޓާލުމަށް ކަމަށެވެ.
"ބޮލެއްހުރި މީހަކަށް ވެއްޖެއްޔާ އެނގެންވާނެ ކަޅު ދަބަހެއް ހިފައިގެން މިއޮތް ބޮޑު މަޖިލިސް ތެރެއަށް މުޅި މަގުމަތީގައި ނޫސްވެރިންނާއެކު ހިނގައިފަ ނާންނާނެކަން ލާރިދަބަހެއް ހިފައިގެން، އެއަށްވުރެން ރީތިކޮށް އެކަން ކުރެވޭނެ ގޮތްވެސް އޮންނާނެ ސިއްރުން އެކަން ކުރެވެން އެބައޮތް، އޮއްވައި ކީއްވެގެންތޯ ކަޅު ދަބަހެއް މުޅި މަގުމަތީގައި ހިނގައިފައައިސް މަޖިލީހަށްވަދެ ހުރިހާ އެންމެންނަށް ފެންނަގޮތަށް ބަހަންވީކީ، އަމިއްލަ ސިނކުޑިން ވިސްނާލިއަސް އެނގޭނެ މިހިރީނުހިނގާނެ ކަންތައްތައްކަން،"
ސަލީމް ވިދާޅުވީ އެފަދަ ގޮތަކަށް ވާހަކަ ދެއްކުމަކީ ބައެއް ރައްޔިތުން ްގަބޫލުކޮށްފާނެ ކަމެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަގު ވައްޓާލަން އެފަދަ ވާހަކަ ދެއްކުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.
އެ ދަބަސް ހިއްޕަވައިގެން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވި ސަބަބު ސާފުކޮށްދެއްވުމަށް ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވެފައިވަނީ، އެރޭ މަޖިލީހަށް ވަަޑައިގެންނެވީ، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ގުޅޭގޮތުން މެންބަރުން ސާފުކުރައްވަން ބޭނުންވި ކަންކަން ސާފުކޮށްދެއްވުމަށް ކަމަށެވެ.
މަޖިލީހުގެ ބައްދަލުވުން ބާއްވަން ތާވަލުކޮށްފައި އޮތް ގަޑިއަކީ އާރަށުން ފުޓްބޯޅަ ކުޅެގެން މާލެއަށް ވަޑައިގަތް ވަގުތު ކަމަށްވުމުން ކޮނޑުގައި އޮތް ދަބަހަކީ، ކުޅޭ ސާމާނު އަޅާފައިވާ ދަބަސް ކަމަށްވެސް ވިދާޅުވިއެވެ.






