ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހަދަން އަދާލަތު ޕާޓީން ނިންމައިފި

ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހަދަން އަދާލަތު ޕާޓީން ނިންމައިފި

ސަރުކާރު ހިންގާ ޕީއެންސީއާއެކު ކޯލިޝަން ހަދައި، އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުކުރުމަށް މަސައްކަތްކުރަން އަދާލަތު ޕާޓީން މިރޭ ނިންމައިފިއެވެ.

ދީނީ ކަންކަން ހަރުދަނާކޮށް، ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށާއި އިގުތިސާދު ރަނގަޅުކުރުމަށް ސިޔާސީ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް ބަޔާންކޮށް، ސަރުކާރާއެކު މަސައްކަތްކުރަން އަދާލަތު ޕާޓީއަށް ދައުވަތު ދެއްވާފައިވަނީ ރައީސް މުއިއްޒެވެ.

އެ ދައުވަތު ގަބޫލުކުރަން ޕާޓީގެ މަޝްވަރާ މަޖިލީހުން މިރޭ ފާސްކުރި ގަރާރުގައި ބުނެފައިވަނީ، މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރާނެ ކަމަށެވެ. އަދި 2028 ގެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާއެކު ކޯލިޝަން މެންބަރެއްގެ ގޮތުގައި ބައިވެރިވެ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުއިއްޒަށް ތާއީދުކޮށް މަސައްކަތްކުރާނެ ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.

ގަރާރުގައި ބުނެފައިވާ ގޮތުގައި، އިސްލާމްދީނާއި ދިވެހިންގެ ގައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ އަޤީދާއާއި އުސޫލުތަކަށް ބިނާކޮށް ގައުމު ތަރައްގީކުރުމަކީ އަދާލަތު ޕާޓީ އުފެދުނު މަގުސަދެވެ. ގައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި ގައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތްކުރުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.

ޕީއެންސީއާއެކު ކޯލިޝަން ހަދަން އަދާލަތު ޕާޓީން ނިންމިއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ ޕާޓީ އޮތީ ކޯލިޝަންގައެވެ. އޭގެކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް އަދާލަތު ޕާޓީގެ ބައިވެރިވުން އޮތެވެ.

އަދާލަތު ޕާޓީ މިހާރު އާ ލީޑަރޝިޕަކުން ހިންގަމުންދާއިރު، އެ ޕާޓީގެ ކުރީގެ ރައީސް އިމްރާން އަބްދުﷲ ގެންދަވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރައްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *