ޝަމްހީދު ވިދާޅުވީ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރައްވާނެ ކަމަށް، ގޮނޑި ގެއްލުމުގެ ފުރުސަތު އެބައޮތް

ޝަމްހީދު ވިދާޅުވީ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރައްވާނެ ކަމަށް، ގޮނޑި ގެއްލުމުގެ ފުރުސަތު އެބައޮތް

ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑުން ނެގި ލޯނަކަށް ގެރެންޓީ ދީގެން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެ ދަރަނި ދައްކައި ހަލާސްކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނުދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ދޫކުރި ފަސް ލައްކަ އެމެރިކާ ޑޮލަރުގެ ފެސިލިޓީއަކަށް ފައިސާ ނުދައްކައިގެން އެ ބޭންކުން ހުށަހެޅި މި މައްސަލައިގައި ސިވިލް ކޯޓުން ބުދަ ދުވަހު ވަނީ ހުކުމް ކޮށްފައެވެ. މި ފައިސާ ހޯދުމަށް ދައުވާކޮށްފައިވަނީ ކަމާގުޅޭ ދެ ކުންފުންޏަކާއި އެ ފެސިލިޓީއަށް ޒިންމާވާ އަމިއްލަ ފަރުދުންގެ މައްޗަށެވެ. ކޯޓުން މައްސަލަ ނިންމާފައިވަނީ ކުންފުނީގެ އިތުރުން ޑރ. އަހްމަދު ޝަމްހީދު ހިމެނޭހެން ގެރެންޓީ ދިން ފަސް ފަރާތުގެ މައްޗަށެވެ.

އެމްއައިބީއަށް ދައްކަންޖެހޭ ގާތްގަނޑަކަށް 4.3 މިލިއަން ރުފިޔާ ދެއްކުމަށް ކޮށްފައިވާ މި ހުކުމާ އެއްގޮތަށް ފައިސާ އަދާނުކޮށްފިނަމަ، ގާނޫނީ ގޮތުން ޑރ. ޝަމްހީދުގެ މަޖިލިސް ގޮނޑި ގެއްލުމުގެ ފުރުސަތު އޮންނާނެއެވެ.

މި ހުކުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަކީ ކުރީގެ ރައްޓެހިންތަކަކާ އެކު އުފެއްދި ކުންފުންޏެއް ކަމަށެވެ. ނަމަވެސް، ޚިޔާލުތަފާތުވުންތަކެއް އުފެދި އެ ކުންފުނީގެ ހިންގުމާ ދުރުގައި ހުންނަވާތާ މިހާރު ހަތް އަހަރު ވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ލޯނަކީ ބައެއް ހިއްސާދާރުންގެ އަމިއްލަ ބޭނުމަށް ނެގި ލޯނެއް ކަމަށާއި، އެހީތެރިވުމުގެ ގޮތުން އޭނާ ގެރެންޓީ ދެއްވީ އެ ގެރެންޓީއާ ނުލައި ލޯނު ނެގެން ނެތުމުން ކަމަށް ޝަމްހީދު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެ ކުންފުނިން ފައިސާ ނުދައްކާކަން އެނގުނު ހިސާބުން ފެށިގެން، ފައިސާ ދެއްކުމަށް ކުންފުނީގެ އިސްވެރިންގެ ކިބައިން ތަކުރާރުކޮށް އެދިވަޑައިގެންނެވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ފަރާތްތަކުން ފައިސާ ނުދެއްކުމުން، އަމިއްލަ ހައިސިއްޔަތުން ފައިސާ ދައްކަވަމުން ގެންދަވާ ކަމަށާއި، ކޯޓުގެ ހުކުމާ އެއްގޮތަށް އެ ދަރަނި ފުރިހަމައަށް އަދާކޮށް ނިންމަވާނެ ކަމުގެ ޔަގީންކަން ޑރ. ޝަމްހީދު ވަނީ ދެއްވާފައެވެ.

ޝަމްހީދު ހިިމެނޭހެން މި ހުކުމް އައިއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައި ޝަމްހީދު ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ.

މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި، ދަރަނީގެ މައްސަލައެއްގައި ހިތަދޫ އުތުރު ދާއިރާއަށް ޕީއެންސީން އިންތިޚާބުވި މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވެއެވެ. އޭނާގެ މައްޗަށް ސާބިތުވީ އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *