ބަނގުރާ ބޭނުންކޮށް ގެންގުޅުނު މައްސަލައެއްގައި ދިވެހި ސިފައިންގެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ކ. ތުލުސްދޫ، ވާދޫގެ މުހައްމަދު ރަޒާން އަލީ ޒާހިރެވެ. އުމުރުން 19 އަހަރުގެ އެ ޒުވާނާ ކަސްޓޯޑިއަލް ޖަލެއްގައި ފަސް ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ރަޒާން ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ކޯޓުން ކަނޑައަޅައިފިއެވެ. އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވަނީ، މައްސަލައިގެ ކުރިއަށް ދިއުމުގައި ވަކީލެއް ބޭނުންވާކަމަށް އޭނާ ބުނެފައިވާތީ ކަމަށް އަމުރުގައި ބުނެފައިވެއެވެ.
އަމުރުގައިވާ ގޮތުން ރަޒާންއަކީ އެމްއެންޑީއެފްގެ ޕްރައިވެޓެއްގެ ރޭންކުގައި ހުރި މީހެއް ކަމަށް ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ބުނެފައިވެއެވެ.






