ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުން އެމިނޭ އުރުދުޣާންއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބޭއްވީ ކޮޕް31 ސަމިޓުގެ ހަވާސާގައެވެ.
އެމިނޭ އުރުދުޣާންގެ އިސްނެންގެވުމުގެ މަތިން 2017 ވަނަ އަހަރު އުފެއްދެވި "ޒީރޯ ވޭސްޓް ފައުންޑޭޝަން" އާ ބެހޭ މައުލޫމާތު، އެކަމަނާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ހިއްސާކުރެއްވިއެވެ. އަދި "ޒީރޯ ވޭސްޓް" ހަރަކާތް ކުރިއެރުވުމަށް އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި "ޒީރޯ ވޭސްޓް" ހަރަކާތް ކުރިއެރުވުމަށް އިސްނެންގެވުމަށް އެމިނޭ އުރުދުޣާން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހިތްވަރުދެއްވިއެވެ. މިކަން ތަންފީޒުކުރުމުގައި ކަމާބެހޭ ވުޒާރާތަކުގެ ދައުރު ބޮޑުވާތީ، ސަރުކާރުގެ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ތިމާވެށި ރައްކާތެރިކުރުމާއި ކުނި މަދުކުރުމުގެ މަސައްކަތްތަކުގައި އަންހެނުންނާއި ކުޑަކުދިންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަމަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ. ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މިހާރު މަނާކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.
ބައްދަލުވުން ނިންމަވާލެއްވީ، ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ގޮތުގައި ކުނި ނައްތާލުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމުގެ ޢަޒުމު އައުކުރައްވަމުންނެވެ.






