5 މިލިޔަން ގަސް މަޝްރޫޢު: އިންޑިއާއިން ރާއްޖެއަށް 1200 ގަސް

5 މިލިޔަން ގަސް މަޝްރޫޢު: އިންޑިއާއިން ރާއްޖެއަށް 1200 ގަސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ، 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، އިންޑިއާއިން ރާއްޖެ އަށް 1200 ގަސް ހަދިޔާކޮަށްފިއެވެ.

ހުޅުމާލެ ފޭސް 2ގައި ބޭއްވި ރަސްމިއްޔާތެއްގައި، އިންޑިއާގެ ފަރާތުން އެ ގަސްތައް ހަދިޔާކޮށްދެއްވީ، ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ޖީ. ބާލަސުބްރަމަނިއަމްއެވެ. އަދި އެ ގަސްތަކާ ރާއްޖޭގެ ފަރާތުން ހަވާލުވެލެއްވީ، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އިރުތިޝާމް ވިދާޅުވީ މިއަދު ރާއްޖެއަށް އިންޑިއާއިން ހަދިޔާކުރެއްވި ގަސްތަކަކީ އެކި ދާއިރާތަކުން ރާއްޖެއަށް އިންޑިއާއިން ފޯރުކޮށްދެއްވާ އެހީތެރިކަމުގެ އިތުރު ބޮޅެއްކަމަށެވެ. އަދި މިއީ ރާއްޖޭގެ 5 މިލިޔަން ގަސް ޕްރޮގްރާމަށް ލިބުނު މުހިންމު ކުރިއެރުމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ވަޒީރުގެ ވާހަކަފުޅުގައި ރާއްޖެ ފެހިކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލެއްވިއެވެ.

މީގެއިތުރުން އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތިމާވެއްޓާއިބެހޭ ވަޒީރު އަލީ ޝަރީފު ވިދާޅުވީ މިއަދު ގަސްތައް އިންދާފައިވާ، ހުޅުމާލެ ފޭސް 2، އަމާން އުދަރެސް ޓަވަރ 15 ސަރަހައްދަކީ ފެހިކުރަން ޖެހޭ ސަރަހައްދެއްކަމަށެވެ. އަދި ހުޅުމާލެ އިތުރަށް ފެހި ކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އިންޑިއާއިން ހަދިޔާކުރި ގަސްތަކަކީ ރާއްޖޭގެ ވެއްޓާއި ގުޅޭ ގަސްތަކެއްކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"މިއީ ރާއްޖޭގައި ހެއްދޭނެ ފަދަ ގަސްތަކެއްކަން ޔަޤީންކޮށްފައިވޭ. މިއީ ފެހި ރާއްޖެއަކަށް މުހިންމުކަމެއް. މި އަހަރަށް ކަނޑައެޅި 1 މިލިއަން ގަސް އިންދުމުގެ އަމާޒަށް މިހާރުވެސް ވަނީ ވާސިލްވެފައި" ތިމާވެއްޓާބެހޭ ވަޒީރު އަލީ ޝަރީފު ވިދާޅުވިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ އިންޑިއާއިން ހަދިޔާކުރި ގަސްތަކުގެ ތެރޭގައި މޭވާގެ ބާވަތްތައް ހިމެނުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ރަށްތަކަށް ގަސް އިންދުމާއި، ފެހި ވެއްޓަކަށް މަގުފަހިކުރުމަކީ ބޭނުންތެރިކަމެއްކަމަށް ވިދާޅުވިއެވެ. 5 މިލިޔަން ގަސް މަޝްރޫޢާއެކު މިދާއިރާއިން ކުރިއަށްދާން ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ޖީ. ބާލަސުބްރަމަނިއަން ވިދާޅުވީ ރާއްޖެއަށް ހަދިޔާކުރި ގަސްތަކުގެ ތެރޭގައި އަނބު ގަސްތައް ފަދަ ގަސްތައް ހިމެނޭ ކަމަށެވެ. އަދި އެ ގަސްތައް ހަދިޔާކުރުމުގައި ރާއްޖެ އަށް ބޭނުންތެރި ގަސްތައް ހަދިޔާކުރުމަށް ވިސްނުން ގެންގުޅުއްވި ކަމަށް ވިދާޅުވިއެވެ.

5 އަހަރު ތެރޭގައި 5 މިލިޔަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ "ކޮޕް28″ގައެވެ. އަދި 2024 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *