ވ. އަތޮޅަށް ފީނަން ގޮސް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދަނިކޮށް މަރުވި ގައުމީ ދިފާއީ ބާރުގެ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ ހަނދާނުގައި، އިޓަލީ ސަރުކާރުން ހިތްވަރުގަދަކަމަށް ދޭ އެންމެ މަތީ ޝަރަފު އަރުވައިފިއެވެ.
ރާއްޖެއާއި އިޓަލީވިލާތާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްވެ 60 އަހަރު ފުރުމާއި، އިޓަލީގެ 80 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ހޮޓެލް ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، މަހުދީގެ އާއިލާއަށް "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" އަރުވައިދެއްވީ ސަފީރު ޑެމިއާނޯ ފްރެޑްރިޗާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ.
މަހުދީ މަރުވީ މިދިޔަ މޭ 16 ގައި، ތަޖުރިބާކާރު ޑައިވަރެއްގެ ގޮތުގައި ހޯދުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދަނިކޮށް، ޑީކޮމްޕްރެޝަން ސިކްނެސްއާ ގުޅުންހުރި ސިއްހީ މައްސަލަތަކެއް ދިމާވެގެންނެވެ. ޖުމްލަ ހަ މީހުންގެ ފުރާނަ ގެއްލުނު މި ހާދިސާގައި މަރުވި ފަސް ފަތުރުވެރިންގެ ހަށިގަނޑު ފަހުން ކަނޑުއަޑީގެ ހޮހަޅައިގެ ތެރެއިން ނެގިއެވެ.






