އެމެރިކާގެ މިޑްޓަރމް އިންތިޚާބުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީގެ ފަހަތުގައި އީރާނު ހަނގުރާމައިގެ ބޮޑު ދައުރެއް އޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ، އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ދެ ގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އަދި ސެނެޓްގެ އަޣުލަބިއްޔަތު އިދިކޮޅު ޑިމޮކްރެޓުން ހޯދައި، ރައީސްގެ ސިޔާސަތުތައް ހުއްޓުވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
ފޮކްސް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، ކޮންގްރެސްއިން ފާސްކޮށްގެން އޭނާގެ މޭޒުކޮޅަށް ޑިމޮކްރެޓުން ފޮނުވާނެ ކަމަށް ބެލެވެނީ "ބުއްދި ޤަބޫލުނުކުރެވޭ" ފަދަ ސިޔާސަތުތައް އެކުލެވޭ ބިލްތައް ކަމަށެވެ. އަދި ރައީސަށް ލިބިދޭ ޤާނޫނީ ބާރުގެ ދަށުން އެފަދަ ހުރިހާ ބިލެއް ވީޓޯ ކުރައްވާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.
"އެ މީހުން ހުށަހަޅާނީ ބުއްދި ޤަބޫލުނުކުރެވޭ ފަދަ ކަންކަން. އަދި އަޅުގަނޑު އެ ހުރިހާ ކަމެއް ވީޓޯ ކުރާނަން،" ޓްރަމްޕް ވިދާޅުވިއެވެ.
މީގެއިތުރުން، ދެތިން މަސް ދުވަހުގެ މުއްދަތަކަށް ވީޓޯ ކުރުމުގެ ސިލްސިލާއެއް ކުރިއަށްދިއުމަށްފަހު، އެއްބަސްވުންތަކަކަށް އައުމަށްޓަކައި މަޝްވަރާގެ މޭޒަށް އަންނަން ޑިމޮކްރެޓުންނަށް މަޖުބޫރުވާނެ ކަމަށާއި، ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު އޭރުން ފަހިވެގެންދާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ، އީރާނާ ދެކޮޅަށް އޭނާގެ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކަށް ރައްޔިތުން ތާއީދުކުރި ނަމަވެސް، ހިނގަމުންދާ ހަނގުރާމައިގެ ނޭދެވޭ އަސަރު ރިޕަބްލިކަން ކެންޑިޑޭޓުންގެ ކެމްޕޭނަށް ވަރަށް ބޮޑަށް ކުރި ކަމަށެވެ. އަދި ވޯޓުލީ ފަރާތްތަކުން އެ ނިންމުންތަކުގެ މުހިންމުކަން ދެނެގަތް ނަމަވެސް، ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީގެ މައިގަނޑު އެއް ސަބަބަކީ އީރާނުގެ މަސްރަޙު ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް ރައީސް ޓްރަމްޕް ވަނީ ފާހަގަކުރައްވާފައެވެ.






