އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުބާރު އޮތްކަމަށް މަޖިލީހުން ނިންމެވުމުން އަންގައިދެނީ، މި ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަޤީންކަންކަމަށް ވަޒީރު ސަޢީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖެ ބަނގުރޫޓު ވިޔަނުދީ ސަލާމަތް ކުރެވުނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުގެ ސަބަބުން ކަމަށެވެ. ރާއްޖޭގެ އިޤުތިޞާދުގެ ރޭޓިން މަތިކުރައްވާ، މާލީ އިތުބާރު އިޔާދަ ކޮށްދެއްވުމާއި، ވާރުތަވި އިޤުތިޞާދީ އެތައް މައްސަލައަކަށް ޙައްލު ހޯއްދަވައިދެއްވުމުގައި އެ މަނިކުފާނުގެ ދައުރުގައި ކާމިޔާބު ހޯއްދަވާފައިވާ ކަމަށް ވިދާޅުވިއެެވެ.
"މި ޤައުމުގެ އިޤުތިޞާދު ތަރައްޤީވެފައިވާ ޤައުމުތަކުގެ އިޤުތިޞާދާއި އެއްސަފަށް ގެންދެވޭނެ ތަޞައްވަރުތައް އެކުލަވާލައްވައި، ޢަމަލީ ސިފަ ގެނެސްދެއްވަން ފައްޓަވާފައި." އިޤުތިޞާދީ ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެމްޑީޕީން ކޮށްފައިވާ ސުވާލުތަކުގެ ތެރޭގައި މެންޑޭޓާއި ސީދާ ނުގުޅޭ އެތައް ސުވާލެއް ހުރި ނަމަވެސް، އެ ހުރިހާ ސުވާލަކަށްވެސް ހަގީގަތް ހާމަކޮށް ތެދުވެރިކަމާއެކު ޖަވާބުދާރީވެ ވަޑައިގަންނަވާފައިވާނެ ކަމަށެވެ. ނިމިދިޔަ ސަރުކާރުތަކާ ޚިލާފަށް މި ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީވުމުގައި ލާމަސީލު މިސާލު ދައްކަމުންދާ ކަމަށާއި، އެއީ ރައީސް މުޢިއްޒު ވަޒީރުންނަށްވެސް ދެއްވާ އިރުޝާދުކަމަށް މިޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ މައްސަލާގައި މިއަދުވާނީ، އަޅުގަނޑުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ރަނގަޅަކަށް، ނުހަނު ތެދުވެރިކަމާއެކު އެ މަޖިލީހަށް ޖަވާބުދާރީވެފައި." އިޤުތިޞާދީ ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އެމަނިކުފާނަށް އިތުބާރު އޮތްކަމަށް މަޖިލީހުން ނިންމެވުމުން އަންގައިދެނީ، ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކާއި އެމަނިކުފާނުގެ މެނިފެސްޓޯގެ އިތުރުން ދުރުވިސްނޭ ޙިކުމަތްތެރި ސިޔާސަތުތަކަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަޤީންކަން ކަމަށެވެ.
މީގެއިތުރުން ވަޒީރު ސަޢީދާމެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުاللهއާއި، ޕީޖީ ލީޑަރު އިބްރާހީމް ފަލާޙުގެ އިތުރުން މަޖިލީހުގެ ޕީއެންސީގެ މެންބަރުން ބެހެއްޓެވި ގާތްކަމާއި އެކުވެރިކަމާއި، ކުރެއްވި އިތުބާރަށްޓަކައި ޝުކުރު ދަންނަވާފައެވެ.
ރާއްޖޭގެ އިޤުތިޞާދުވެސް ގުޅިލާމެހެނީ ދުނިޔޭގެ އޮއިވަރާ ކަމަށްވާއިރު، ދިމާވާ މައްސަލަތައް ހައްލުކުރުމުގައި މި ސަރުކާރުގެ ކާމިޔާބީ ފެންނަން އޮތްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ހުޅުވާލެވިފައިވާ ދެފުށް ފެންނަ ސަރުކާރެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.






