ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ރިޓަޔަރކުރައްވާތީ އެމަޤާމަށް ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ރިޓަޔަރކުރައްވާތީ އެމަޤާމަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ރިޓަޔަރކުރެއްވުމަށް ނިންމެވުމާއި ގުޅިގެން އެކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ވިދާޅުވީ 01 ޑިސެންބަރު ފެށިގެން ޝަރަފުވެރިކަމާއެކު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން މަޤާމުން ރިޓަޔަރކުރެއްވުމަށް އެދިވަޑައިގެންފައިވާތީ، ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު ގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެދިވަޑައިގެންނެވި ގޮތަށް ފަނޑިޔާރޔުކަމުން ޝަރަފުވެރިކަމާއިއެކު ރިޓަޔަރކޮށްދެއްވުމަށް އެކޮމިޝަނުން ނިންމަވާފައިވާކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރަކު ރިޓަޔަރކުރެއްވުމަށް ހުށަހަޅުއްވައި، އެދިވަޑައިގެންނެވި ގޮތަށް ރިޓަޔަރކޮށްދިނުމަށް ކޮމިޝަނުން ނިންމުމާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުގެ މަޤާމަށް ބޭފުޅަކު ހޯދުމަށް ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދެއްވުމަށް، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

ފަނޑިޔާރުކަމަށް އެދި ހުށަހަޅަންޖެހެނީ މިމަހުގެ 08ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ ފަރާތްތަކުން ސުންގަޑިހަމަވުމުގެ ކުރިން އެ ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެކަމަށްވެސް ޖޭއެސްސީން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ޝަރުޠުތަކުގެތެރޭގައި ޢުމުރުން ތިރީސް އަހަރު ވެފައިވާ މީހަކު ކަމުގައިވުމާއި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ހިމެނެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުންވެސް ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ.

ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުގައި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރަށް މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު އަލްއުސްތާޛާ އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމްއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *