މިސްކިތަކަށް ގެއްލުންދިން މައްސަލައެއްގައި ދައުލަތުން ދައުވާކުރި، ގ. މާލޭހިޔާ ނައުޝާދު މޫސާ (32އ) ގެ މައްޗަށް ދައުވާ ސާބިތުވެ ކުރިމިނަލް ކޯޓުން އޭނާ ޖަލަށްލާން ހުކުމްކުރިއިރު، އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރުގެ ދަށުން އޭނާ ބަންދުގައި އެއް މަހާއި 21 ދުވަހުގެ މުއްދަތެއް ހޭދަކޮށްފައިވާތީ އެ މުއްދަތު އަދަބުން އުނިކުރުމުން، އޭނާ ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތް ކަމަށް ކަނޑައަޅައިފިއެވެ.
މި މައްސަަލައިގައި ނައުޝާދު މޫސާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ އާދިއްތަ ދުވަހުއެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފަ އިވަނީ، މިސްކިތަށް ގެއްލުންދިން މައްސަލައިގައި ނައުޝާދު މޫސާގެ މައްޗަށް ކުށް ސާބިތުވާތީ، އޭނާ އެއް މަހާއި 15 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކުރާ ކަމަށެވެ. ނަމަވެސް، މި މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކުރިން ކޯޓުން ނެރުނު އަމުރެއްގެ ދަށުން، އޭނާ މިހާތަނަށް ބަންދުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާކަން ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން، މި މައްސަލައިގެ ޝަރީއަތް ކުރިއަށްދިޔަ މުއްދަތުގައި ނައުޝާދު މޫސާ ބަންދުގައި އެއް މަހާއި 21 ދުވަސް ހޭދަކޮށްފައިވާކަން ކޯޓުގެ ރެކޯޑުތަކުން އެނގެން އޮވެ އެވެ. ރާއްޖޭގެ ގާނޫނީ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، މީހެއްގެ މައްޗަށް ކުށް ސާބިތުވެ ހުކުމް ކުރާއިރު، އެ މައްސަލައަކާ ގުޅިގެން އޭނާ ބަންދުގައި ހޭދަކުރި މުއްދަތު، އިއްވާ އަދަބުން އުނިކުރަންޖެހެ އެވެ.
މި އުސޫލުގެ ދަށުން، ނައުޝާދު މޫސާ ބަންދުގައި ހޭދަކުރި މުއްދަތު އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމުން އުނިކުރުމުން، އޭނާ ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް މިހާރު ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.






