ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދުގެ މައްޗަށް ޝަރީޢަތުން ކުށް ސާބިތުނުވާހައި ހިނދަކު، އެމަނިކުފާނުގެ އަބުރު ގެއްލޭ ފަދަ ގޮތްގޮތަށް ޢަމަލުނުކުރުމަށާއި މައްސަލައިގެ ތަޙުޤީޤު އަވަސްކުރުމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) ގޮވާލައްވައިފިއެވެ.
އިބްރާ މިކަމަށް ގޮވާލެއްވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ޢަބްދުﷲ ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އެމަނިކުފާނު 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އިބްރާ ވިދާޅުވީ، ޢަބްދުﷲ ޝާހިދަކީ ދައުލަތުގެ ވަޒީރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސްކަން ކުރެއްވުމުގެ އިތުރުން، އދ. ގެ ޢާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ އަދި ދައުލަތުގެ ޢިއްޒަތުގެ ލަޤަބު ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ވެސް އެމަނިކުފާނު ފާޅުކުރައްވާފައިވާކަން އިބްރާ ފާހަގަކުރެއްވިއެވެ.
އިބްރާ ވިދާޅުވީ، މިފަދަ ޚިދުމަތްތެރި ބޭފުޅަކަށް ކުރެވޭ ތުހުމަތަކާ ގުޅިގެން ތަޙުޤީޤެއް ހިންގި ނަމަވެސް، އެމަނިކުފާނަކީ ކުށްވެރިއެއްގެ ގޮތުގައި ބަލައި، ޢާންމުންގެ މެދުގައި އަބުރު ގެއްލޭ ފަދައިން ފޮޓޯއާއި ވީޑިއޯ ޢާންމުކޮށް، އެކި ވާހަކަތައް ފެތުރުމަކީ ނޭދެވޭ ކަމެއް ކަމަށެވެ.
މަދުރަސީ ދައުރުން ފެށިގެން ޝާހިދު ދަންނަ ކަމަށާއި، ސިޔާސީ ގޮތުން ޚިޔާލުތަފާތުވާ ކަންތައްތަކެއް ހުރި ނަމަވެސް، ޝާހިދަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރައްވައިފާނޭ ބޭފުޅެއް ކަމަށް ޤަބޫލުކުރަން ދަތި ކަމަށް އިބްރާ ވިދާޅުވިއެވެ. އަދި ޝަރީޢަތަކުން މި ކުށް ސާބިތުނުވާހައި ހިނދަކު އެ ވާހަކަ ޤަބޫލުނުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިބްރާހިމް އިސްމާޢީލް ވަނީ މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތަށް މުހިންމު އިލްތިމާސެއް ކުރައްވާފައެވެ. އެގޮތުން، މި ވާހަކަތައް އެކި ގޮތްގޮތަށް ދެކެވި، މުޖުތަމަޢުގައި ފެތުރުމުގެ ފުރުޞަތު ނުދީ، ވީއެންމެ އަވަހަކަށް މި މައްސަލައިގެ ތަޙުޤީޤު ފުރިހަމަކޮށް، ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
މިގޮތަށް އަވަހަށް ޙަޤީޤަތް ހާމަކުރުމަކީ ޢަބްދުﷲ ޝާހިދާއި، ގޯނާކުރެވުނު ކަމަށް ބުނާ ކުއްޖާއާއި، ދެފަރާތުގެ ޢާއިލާގެ އިތުރުން މުޅި ޤައުމުގެ މަޞްލަޙަތުވެސް ހިމެނިގެންވާ ގޮތް ކަމުގައި އިބްރާ ފާހަގަކުރެއްވިއެވެ.






