އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމާ ގުޅިގެން، އެމަނިކުފާނުގެ ދިފާއުގައި ދޮށީ ދަރިފުޅު ޔާމީން ޝާހިދު ވާހަކަދައްކައިފިއެވެ.
ޔާމީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އޭނާގެ ބައްޕަގެ މިޒާޖާއި އަހުލާގު އަދި އޭނާއަކީ ކޮން ކަހަލަ ބޭފުޅެއްކަން ރަނގަޅަށް އެނގޭ ކަމަށެވެ. އަދި ބައްޕަގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަކީ އެމަނިކުފާނު ދުވަހަކުވެސް ކުރައްވާނެ ކަންކަން ނޫންކަން ޔަގީންވާ ކަމަށާއި، ބައްޕަގެ ދިފާއުގައި ފުރިހަމައަށް ސާބިތުވެ ހުންނާނެ ކަމަށްވެސް ޔާމީން ބުނެފައިވެއެވެ.
މީގެ އިތުރުން ޔާމީން ފާހަގަކުރި ގޮތުގައި، މި ތުހުމަތުތަކަކީ ސިޔާސީ މަގުސަދެއްގައި ބައްޕަގެ އަބުރު ކަތިލުމަށް ކުރެވޭ ކަމެއް ކަމަށް އެމަނިކުފާނު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. އަދި ބައްޕަ ހައްޔަރުކުރި މަންޒަރު ފެނުމަކީ ހިތްދަތި ކަމެއް ކަމަށާއި، މިކަން ހިނގައިދިޔަ ގޮތުން ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމަށްވެސް އޭނާ ބުންޏެވެ. އޭނާ ވަނީ ބައްޕައަށް އިންސާފުވެރިކަމާއި، ގާނޫނީ އިމުގެ ތެރެއިން ދިފާއުވުމުގެ ފުރިހަމަ ފުރުސަތު ލިބެންޖެހޭނެ ކަމަށް ބުނެ، މުޅި އާއިލާ އެކުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ދީފައެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ހ. ރަބީއީމަންޒިލް، އަބްދުﷲ ޝާހިދު (64އ) ހައްޔަރު ކޮށްފައިވަނީ ރޭ 9:59 ހާއިރު ކަމަށެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ޝާހިދު ހައްޔަރުކޮށްފައި މިވަނީ، އެމަނިކުފާނު ހައްޔަރު ނުކުރަނީސް އޭގެކުރިން ނޫސްތަކުން އެފަދަ ރިޕޯޓުތަކެއް ގެނެސްދިނުމުން އެ ހަބަރުތައް ދޮގުކުރެއްވިތާ މާގިނައިރުތަކެއް ނުވަނީހެވެ. އޭރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ، އެއީ އެމަނިކުފާނުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށާއި، އެފަދަ ސާބިތު ނުހިފޭ ވާހަކަތައް ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.






