ރާއްޖެއަށް ގަވައިދާ ހިލާފަށް ރަން އެތެރެކުރި މައްސަލައެއްގައި ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކުރި، މީހެއްގެ ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް، އޭނާއަކީ ކުށްވެރިއެއްނޫން ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދއުލަތުން ދައުވާކުރީ، ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މުހައްމަދު ސުލައިމްހާން ގެ މައްޗަށެވެ.
ހަށިގަނޑުގައި ފޮރުވައިގެން ދެ ކިލޯގެ ރަން ރާއްޖެއަށް އެތެރެކުރި މައްސަލަގައި ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް އެއް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
މި މައްސަލައިގެ ހުކުމް އޭނާގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އިއްޔެއަކީ އޭނާ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ތަންފީޒުކޮށް ނިމޭ ދުވަހެވެ. ހަމަ އިއްގެ އިސްތިއުނާފް މައްސަލައިގައި ހައިކޯޓޫން ވަނީ ހުކުމް ކޮށްފައެވެ.
ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބަޔާންކުރާ އަމަލަކީ ކަސްޓަމްސްގެ ގާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގައި ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލެއްކަން ޔަގީންވާ ގޮތަށް އެ މުދަލަކީ ހުއްދަ ހޯދަން ޖެހޭ މުދަލެއްކަން ނުވަތަ ޑިއުޓީ ދައްކަންޖެހޭ މުދަލެއްކަމާއި ޑިއުޓީ ދެއްކުމުން މަނާވެގަތުމުގެ ނިޔަތުގައި ގެނައިކަމުގެ ރުކުން ދައުވާގައި ބަޔާންކޮށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ކޮށްދެވިފައިނުވާ ކަމަށެވެ.
އެހެންކަމުން، ސުލައިމްހާން ކުށްވެރިކޮށްފައި ވަނީ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތަށް ނޫން ކަމަށް ހައި ކޯޓުން ކަނޑައެޅި އެވެ. އެހެން ކަމުން އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން ބާތިލްކުރިއެވެ.






