ރަސްމާލެ ބޭރު ބަޔަކަށް ދިނުމުގެ ޑީލުގައި ގޮތް އެއްޗެއް ސާފުކޮށް ވިދާޅުވެދެއްވަން ސަރުކާރުން ޖެހޭކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެސް.އެސް.ޓީ.ވީ ގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހިދު މިރޭ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ނަމުގައި ފުށިދިއްގަރު ފަޅަށް ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް ފައިސާއެއް ޚަރަދުކުރުމަށްފަހު، އެތަނުގައި ކުރަން ޖެހޭނީ އެމަސައްކަތް ކަމަށެވެ.
އަދި އެތަން އެނޫން ގޮތަކަށް ބޭނުން ކުރާނަމަ، ވާން އުޅޭ ގޮތް ސާފުކޮށް ސަރުކާރުން ވިދާޅުވާން ޖެހޭނެކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެތަނަށް އެޅި ރައްޔިތުންގެ ފައިސާ އަނބުރާ ލިބޭނެ ގޮތް ވިދާޅުވެދެއްވަން ޖެހޭނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ރަސްމާލެ ތަރައްޤީކުރުމުގެ މަސައްކަތް ޔޫ.އޭ.އީގެ އީގަލް ހިލްސްއާއި ހަވާލުކުރުމާއި ގުޅިގެން، އެ ޕްރޮޖެކްޓްގެ ސައްހަ މައުލޫމާތު ރައްޔިތުންނާ ހިއްސާ ނުކުރާކަމަށް ބުނެ ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ. މިކަމާ ބެހޭ ގޮތުން ޕްރޮގްރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، އެ ޕްރޮޖެކްޓާއި ގުޅިގެން ސަރުކާރުން ހަދާފައިވާ ޑީލުގެ މައުލޫމާތު ސާފުކޮށް ރައްޔިތުންނަށް އެނގެން ޖެހޭކަމަށެވެ.
އަދި އެމައުލޫމާތު ނޭނގުމުގެ ސަބަބުން ރާއްޖެއަށް އަންނަ ބޮޑެތި އިންވެސްޓަރުންނާ ދޭތެރޭގައި ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭކަމާށާއި، އެ އުފެދުމުގެ ސަބަބުން ދެން އަންނަން ތިބޭ އިންވެސްޓަރުންނަށްވެސް ރާއްޖެއާމެދު އިތުބާރު ގެއްލިގެން ދާކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ.
ރައްޔިތުންނަށް އެނގިގެން ނޫނީ ރާއްޖޭގެ އެންމެ އިންޗިއެއްވެސް ބޭރު ބަޔަކަށް ދެއްވައިގެން ނުވާނެކަމަށް ވިދާޅުވެ، ޝާހިދު ވަނީ ވީހާވެސް އަވަހަކަށް، ސާފުކޮށް މިކަމުގެ ޙަޤީޤަތްތަކާ ލިޔެކިޔުންތައް ހާމަކުރެއްވުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.






