މި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތު މިހާރު ފެއިލްވެފައިވާ ކަމަށާއި، މި ޙާލަތު ދެން ރަނގަޅު ކުރެވޭނީ އެމްޑީޕީގެ ވެރިކަމެއްގައި ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތަށް ފާޑު ވިދާޅުވެ ސޯޝަލް މީޑިއާގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، މި ސަރުކާރުގެ ދެއުޅިއެއްނުވާ އިގްތިސޯދީ ސިޔާސަތުގެ ސަބަބުން ބާޒާރުން ޑޮލަރު ހުސްވެ، އާންމުންނަށް ވަރަށް ބޮޑު ދަތިކަމެއް ކުރިމަތިވެފައިވާ ކަމަށެވެ.
"ވިޔަފާރިތަކަށް ޓީޓީ ހެދޭނެ ގޮތެއް ނެތި ވިޔަފާރިވެރިންނަށް ދަތި ވެއްޖެ. ޓީމޫ އޯޑަރެއް ކޮށްނުލެވި، ތާށިވެއްޖެ. މިހިސާބަށް ކަންތައް ދިޔުމުން ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ފެއިލް ވެއްޖެކަން ހުރިހާ ރައްޔިތުން ޤަބޫލުކުރޭ." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، މި ޙާލަތުން އަރައިގަތުމަށްޓަކައި މިހާރަށްވުރެ ފުދުންތެރި ދިވެހިރާއްޖެއެއް އެމްޑީޕީގެ ވެރިކަމެއްގައި ގެނެސްދެއްވާނެ ކަމަށެވެ.
"މިހާލަތު ބަދަލު ކުރެވޭނީ އެމްޑީޕީއަށް. އިރާދަކުރެއްވިއްޔާ މި އަޑިގަނޑުން ދިވެހި ރައްޔިތުން ސަލާމަތްކޮށް އަދަށްވުރެ ފުދުންތެރި ދިވެހި ރާއްޖެއެއް ހޯދައިދޭނަން." ޝާހިދު ވިދާޅުވިއެވެ.





