ރަސްމާލެ އެއްބަސްވުމުގެ ތަފްސީލްތައް ހާމަކުރަން ގޮވާލާ ގަރާރެއް ހުށަހަޅައިފި

ރަސްމާލެ އެއްބަސްވުމުގެ ތަފްސީލްތައް ހާމަކުރަން ގޮވާލާ ގަރާރެއް ހުށަހަޅައިފި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން "ރަސްމާލެ" މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސް ވުމުގެ އެންމެހައި ތަފްސީލްތައް ހަމަ ކުރުމަށް ގޮވާލައި، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާގޮތް ދެނެގަތުމަށްޓަކައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.

މަޖިލީހަށް މި ގަރާރު ހުށަހަޅުއްވަމުން މީކާއީލް ވިދާާޅުވީ، މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެގްރީމެންޓާ ގުޅިގެން، އެ މަޝްރޫއު ކުރިއަށްދާ ވަރަކަށް ތަފްސީލީ އުސޫލުތައް އެކުލަވާލާނެ ކަަމަށް ބަޔާންކޮށް އެއްބަސް ވުމުގެ ތަފްސީލްތައް ސަރުކާރުން ސިއްރު ކުރަމުންދާ ކަމަށެވެ.

ރަސްމާލެއަކީ ރާއްޖޭގެ މުސްތަގުބަލްގެ ތަރައްގީއާ ގުޅިފައިވާ ގައުމުގެ އެންމެ އަގުބޮޑު ރައުސްމާލު ކަމަށްވާއިރު، މި މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް އިއުލާނުކޮށްފައިވާ ތަފްސީލްތަކަށް ބަލާއިރު ވެސް ގިނަ ތަފްސީލްތައް ހާމަކޮށްފައި ނުވާ ކަމަށް މީކާއީލް ވިދާޅުވިއެވެ.

އޭގެ ތެރޭގައި:

  • ސަރުކާރާއި އޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ހުރިހާ ތަފްސީލްތައް ހާމަކޮށްފައި ނުވުން.
  • ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކުމަަށްފަހު، އެ ބިން ހިއްކުމަށްދިޔަ ހަރަދު ދައުލަތަށް އަނބުރާ ނުލިބޭ ގޮތަށް އެއްބަސްވުން އެކުލަވާލާފައި އޮތުން
  • ރަސްމާލެއިން ހިއްކާފައިވާ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސް ކުންފުންޏަށް ދީފައި އޮތުން
  • އެކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭގޮތަށް، އެއްބަސްވުން އެކުލަވާލާފައި އޮތުންއެ ބިމުގައި ތަރައްގީކުރާ ތަންތަން ތިންވަނަ ފަރާތަކަށް ކުއްޔަށް ދޫކުރުމުގެ (ރޯލިން ލީސް އިންޓްރެސްޓް އުފެއްދުމުގެ) ހައްގު އީގަލް ހިލްސް އަށް ލިބިގެން ދާގޮތަށް އެއްބަސްވުން އެކުލަވާލާފައި އޮތުން
  • މިފަދަ ބޮޑު މަޝްރޫއެއްގެ އެއްބަސްވުން ސިއްރުކޮށްފައި ބޭއްވުމަކީ، ދައުލަތުގެ މުދަލާއި މާލިއްޔަތަށް ނުހަނު ބޮޑެތި ގެއްލުން ތަކެއް ލިބި، ކޮރަޕްޝަނަށް މަގުފަހި ވެދާނެ ކަމަކަށްވުން

މީކާއީލް ވިދާޅުވީ، ރަސްމާލެ އަކީ ބޭރުގެ އެއްވެސް ފަރާތަކަށް އެންމެ ދުވަހަކަށްވެސް ކުއްޔަށް ދޭނެ ނުވަތަ ހިލޭ ދޭނެ ތަނެއްނޫންކަމަށް، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވި ނަމަވެސް ރަސްމާލެއިން ހިއްކާފައިވާ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސްއަށް ކުއްޔަށްދޭން އެއްބަސްވެފައިވާ ކަަމަށެވެ.

ވެރިކަން ހިންގުުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމާއި، ކަންކަން ކުރުމަށްޓަކައި ގާނޫނުއަސާސީ އާއި ގާނޫނުގައިވާގޮތުގެމަތިން ފިޔަވަޅުތައް އެޅުމަކީ ގާނޫނުއަސާސީން މަޖިލީހާ މަތި ކޮށްފައިވާ ދުސްތޫރީ ވާޖިބެއް ކަަމަކަށްވާތީ އެ ގަރާރު ހުށަހެޅުއްވީ ކަމަށް މެންބަރު މީކާއީލް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *