އަންނަ އޮކްޓޫބަރު މަހުގެ 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިސްރާއީލުގެ ބަރުލަމާނީ އިންތިޚާބުގައި، އެ ޤައުމުގެ މިހާރުގެ ބޮޑުވަޒީރު ހައްދުންނައްޓާފައިވާ ޒައިނިސްޓު އަދި އެތަކެއް މުސްލިމުންގެ ގާތިލު ބެންޖަމިން ނަތަންޔާހޫއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވައިފިއެވެ.
އާދީއްތަ ދުވަހު ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއަށް އެއްބާރުލުންދޭ ބައިވެރިއެއްގެ ގޮތުގައި ނަތަންޔާހޫ ފާހަގަކުރައްވައި އޭނާއަށް ތަޢުރީފު ކުރައްވާފައެވެ. އަދި ނަތަންޔާހޫއަށް އެމަނިކުފާނުގެ "ފުރިހަމަ އަދި ޖުމްލަ ތާއީދު" ދެއްވާ ކަމަށް ވިދާޅުވަމުން ޓްރަމްޕް ލިޔުއްވާފައިވަނީ "ބީބީ ނަތަންޔާހޫ ދުވަހަކުވެސް ތިޔަބައިމީހުން މާޔޫސެއް ކޮށްނުލާނެ!" ކަމަށެވެ.
އިސްރާއީލުގެ އިންތިޚާބު ބޭއްވުމަށް ނުވަ ދުވަހަށް ވެފައިވަނިކޮށް ޓްރަމްޕް މި ތާއީދު އިޢުލާން ކުރެއްވީ، އެމަނިކުފާނުގެ ތާއީދު ނަތަންޔާހޫއަށް ނުލިބިދާނެ ކަމަށް ބެލެވިފައި ވަނިކޮށެވެ. މި މަހުގެ ކުރީކޮޅު "ޓައިމް" މަޖައްލާއަށް ދެއްވި އިންޓަވިއުއެއްގައި، ނަތަންޔާހޫގެ މަސައްކަތާމެދު ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ޓްރަމްޕް ވަނީ އޭނާއަށް ތާއީދުކުރަން ދެކޮޅު ހައްދަވާފައެވެ. އޭގެ ބަދަލުގައި އެ ސުވާލުތަކުން ރެކިވަޑައިގެން، ޓްރަމްޕް ވާހަކަ ދެއްކެވީ އެމަނިކުފާނުގެ މަޤްބޫލުކަމާއި މެދުއިރުމަތީގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުންނެވެ.
2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި ދެ ލީޑަރުން ހައެއްކަ ފަހަރަށްވުރެ ގިނައިން ބައްދަލުކުރައްވާފައި ވީނަމަވެސް، އީރާން ހަނގުރާމައާއި އެހެނިހެން ކަންކަމުގައި ދެބޭފުޅުންގެ މެދުގައި ޚިޔާލުތަފާތުވުންތައް ހުރި ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެގޮތުން، ލުބުނާނަށް އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން ނުރުހުން ފާޅުކުރައްވައި ފޯނުން ދެއްކެވި ވާހަކަފުޅެއްގައި، ނަތަންޔާހޫއަކީ "މޮޔައެއް" އެއްގެ ގޮތުގައި ސިފަކުރެއްވި ކަމަށް މިދިޔަ ޖޫން މަހު ޓްރަމްޕް ވަނީ އަމިއްލަފުޅަށް އެއްބަސްވެވަޑައިގެންފައެވެ. އެ ފަހަރު ޓްރަމްޕް އެދިވަޑައިގެންނެވީ، އޭޕްރީލް މަހު އީރާނާއެކު ވެވުނު ކުރު މުއްދަތުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށްޓަކައި ލުބުނާނުގައި އިތުރު އަސްކަރީ ފިޔަވަޅުތައް ނޭޅުމަށެވެ.
ފެބުރުއަރީ 28 ގައި ދެ ޤައުމު ގުޅިގެން އީރާނާ ދެކޮޅަށް ފެށި މި ހަނގުރާމައިގެ ސަބަބުން، އެމެރިކާގެ އެތެރޭގައި ޓްރަމްޕަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ބާޒާރަށް މި ހަނގުރާމައިގެ ސަބަބުން ބޮޑެތި ލޮޅުންތަކެއް އަރާފައިވާއިރު، މި ކަން ނިމުމަކަށް އަންނާނެ ސާފު މަންޒަރެއް އަދިވެސް ފެންނާކަށް ނެތެވެ.
ޕިއު ރިސާޗް ސެންޓަރުން މި މަހު ހެދި ޚިޔާލު ހޯދުމުގެ ދިރާސާއަކުން ދައްކާގޮތުގައި، މި މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކާ މެދު އެމެރިކާގެ ވޯޓުލާ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި މީހުން ނުރުހުން ފާޅުކުރެއެވެ.






