ރާއްޖެއިން ބޭރުގައި ބޭއްވި ފުރަތަމަ ބައިބަލާ މުބާރާތުގެ ތާރީޚީ ތަށި މާޒިޔާއަށް

ރާއްޖެއިން ބޭރުގައި ބޭއްވި ފުރަތަމަ ބައިބަލާ މުބާރާތުގެ ތާރީޚީ ތަށި މާޒިޔާއަށް

ދިވެހިރާއްޖެއިން ބޭރުގައި މުޅިން އަލަށް ބޭއްވި ތާރީޚީ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން، އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު އެނބުރި އައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދައިފިއެވެ.

މެލޭޝިއާގައި ބޭއްވި މި ތާރީޚީ މުބާރާތުގެ ތަށި މާޒިޔާއިން އުފުލައިލީ ފައިނަލް މެޗުގައި ވާދަކުރި ދެ ގޭމުވެސް ކާމިޔާބުކޮށް، ވަރުގަދަ ޒެޕޯ ސްޕޯޓްސް ކުލަބުގެ މައްޗަށް ފުރިހަމަ ކުރިހޯދުމެއް ހޯދައިގެންނެވެ. ރާއްޖެއިން ބޭރުގައި ދިވެހިންގެ ސަގާފީ މި ކުޅިވަރުގެ މުބާރާތެއް އަލަށް ބޭއްވި މި ތާރީޚީ މުބާރާތުގެ ފަޚުރުވެރި "މިސްޓަރ ބައިބަލާ" ގެ މަޤާމު ހާސިލުކުރީ ޒެޕޯ ސްޕޯޓްސް ކުލަބުގެ މުޙައްމަދު ނައްވާފް (މާކީ) އެވެ.

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ މަގުސަދުގައި މަސައްކަތްކުރާ "މޯލްޑިވްސް އެސޯސިއޭޝަން ފޯ ޑިވެލޮޕްމަންޓް އިނީޝިއޭޓިވް (މަޑި)" އިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި މުބާރާތަކީ ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން ބޭއްވި މުބާރާތެކެވެ.

މަޑި ޖަމިއްޔާއިން ހާމަކުރި ގޮތުގައި މި މުބާރާތް މެލޭޝިއާގައި ބާއްވަން ނިންމި މައިގަނޑު ސަބަބަކީ، ބައިބަލާއަކީ މިހާތަނަށް ރާއްޖެއިން ބޭރުގެ އެއްވެސް ގައުމެއްގައި ކުޅެފައިނުވާ ކުޅިވަރަކަށް ވެފައި، ދިވެހިވަންތަ މި ސަގާފީ ކުޅިވަރު ބައިނަލްއަގުވާމީ މައިދާނުގައި، ޚާއްސަކޮށް ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ މެލޭޝިއާގައި ދިރުވައި އާލާކުރުމުގެ ބޭނުމުގައެވެ.

ޖުމްލަ ފަސް ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖޭގެ އެންމެ ފުންނާބުއުސް، ވަރުގަދަ ބައިބަލާ ކުޅުންތެރިން ފެނިގެންދިޔައެވެ. އޭގެ ތެރޭގައި ކުރިން ރާއްޖޭގައި މިސްޓަރ ބައިބަލާގެ ލަގަބު ހޯދާފައިވާ މޮޅެތި ތަރިންވެސް ހިމެނުނެވެ. މި މުބާރާތް ވެގެން ގޮސްފައިވަނީ ގިނަ ދުވަސްތަކަކަށްފަހު ބައިބަލާއަށް އެނބުރި އައި މާޒިޔާގެ އިތުރުން މުޅި ދިވެހި ކުޅިވަރުގެ ތާރީޚުގައިވެސް ރަން އަކުރުން ފަވާލެވޭނެ މުހިންމު ކާމިޔާބީއަކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *