ރައީސްއަށް ޕާކިސްތާނުގެ ހާއްސަ ދައުވަތެއް، 10 އަހަރު ފަހުން ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ވަޑައިގަންނަވަނީ

ރައީސްއަށް ޕާކިސްތާނުގެ ހާއްސަ ދައުވަތެއް، 10 އަހަރު ފަހުން ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ވަޑައިގަންނަވަނީ

ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ ރަސްމީ ދައުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމަށް ޚާއްސަ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، މި މަހުގެ 20 އިން 22 އަށް ކުރައްވާ މި ދަތުރުފުޅުގައި، ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އިތުރުން، އެ ޤައުމުގެ އެހެން އިސްވެރިންނާވެސް ބައްދަލުކުރައްވާނެ ކަމަށެވެ. ދެ ޤައުމާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، ބޮޑުވަޒީރާއެކު ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. އެ ވާހަކަފުޅުތަކަށްފަހު، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގިނަ ތަފާހުމުނާމާތަކެއް ބަދަލުކުރުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެއެވެ.

މިއީ ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރާއްޖެއާއި ޕާކިސްތާނާ ދެމެދު 1966 ޖުލައި 26 ގައި ޚާރިޖީ ގުޅުން ޤާއިމްކުރެވުނު ތާރީޚުން 60 އަހަރު ފުރޭ މުނާސަބު ވަގުތުގައެވެ. ގާތް ގުޅުމުގެ މި ދަތުރުފުޅަކީ ވަރަށް ޚާއްސަ އަދި މުހިންމު ދަތުރުފުޅެއްގެ ގޮތުގައި ޕާކިސްތާނުން ސިފަކުރެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރުގެ އިސް އޮފިޝަލުން ހިމެނޭ ވަފުދެއް ވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ، "މޯލްޑިވްސް ފަސްޓް" މި ޝިޢާރުގެ މަތީގައެވެ. މި ސިޔާސަތުގެ ދަށުން އަވައްޓެރި ޤައުމުތަކާއެކު އޮންނަ ގާތް ގުޅުމަށް އިސްކަންދެއްވައި، ދިވެހި ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް މަގުފަހިވާނޭ ފަދައިން، ދޭދޭ ގުޅުންތައް ބިނާކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ހަރަކާތްތެރި މަސައްކަތްޕުޅުތަކެއް، އެމަނިކުފާނު ގެންދަވަނީ ކުރައްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *