ވިލިނގިލި އިންޓަރނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަންނަމަސް ނިމުމުގެ ކުރިން ފަށާނެ

ވިލިނގިލި އިންޓަރނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަންނަމަސް ނިމުމުގެ ކުރިން ފަށާނެ

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ނޮވެންބަރު މަހުގެ ކުރިން ފެށޭނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ގއ.ވިލިނގިލީގެ ބިން ހިއްކުމާއި ރަށުގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ތަރައްޤީކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެމަނިކުފާނު އެކަން އިޢުލާނުކުރެއްވީ ކެމްޕެއިންގެ ތެރެއިން 2023 ވަނަ އަހަރު އޮގަސްޓުމަހު ވިލިނގިއްޔަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ވިލިނގިލީގައި ބައިނަލްއަޤްވާމީ އެއާޕޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުމަށް 2024 ވަނަ އަހަރު ފެބްރުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާއި ހެދީ މަސައްކަތް ކުރިއަށް ގޮސްފައި ނުވެއެވެ.

މިކަމާއި ގުޅޭގޮތުން އަހާ ފޯރަމުގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނާއި ސުވާލުކުރެއްވުމުން، ވަޒީރު ވަނީ އެކަމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މަސައްކަތުގެ ކޮންޓްރެކްޓަރު ބަދަލުކޮށް އަލުން މަސައްކަތް ދާދި އަވަހަށް ފެށިގެން ދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިރާދަ ކުރެއްވިއްޔާ އައު ކޮންޓްރެކްޓަރަކާއެކު ސޮއިކޮށް ޢަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައި މިހާރު މިއޮތީ. އިރާދަ ކުރެއްވިއްޔާ ނޮވެންބަރު މަސް ނިމުމުގެ ކުރިން ފެށޭނެ." ވަޒީރު އަމީން ވިދާޅުވިއެވެ.

މި މަޝްރޫޢުގައި ކުރިއަށްދާނެ މައިގަނޑު މަސައްކަތަކީ ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމާއި ގއ.އަތޮޅުގައި ޓޫރިޒަމް ސިނާޢަތު ކުރިއެރުވުމަށް އިންވެސްޓްކޮށް ތަރައްޤީކުރުމެވެ. މިމަޝްރޫޢުގެ ދަށުން 2.2 ކިލޯ މީޓަރުގެ ރަންވޭއަކާއި، ޓްރާންސިޓް ހޮޓަލެއްގެ އިތުރުން އިންޓަރނޭޝަނަލް އެއާޕޯޓެއްގައި ހިމެނޭ ހުރިހާ ވަސީލަތެއް ތަރައްޤީކުރާނެއެވެ.

މީގެ އިތުރުން މަތީ ފަންތީގެ ރިސޯޓުތަކާއި، ހޮޓާތަކާއި ޔޮޓް މެރީނާއެއް ތަރައްޤީކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. މިއީ 500މިލިއަން ޑޮލަރާއި 750 މިލިއަން ޑޮލަރާއި ދެމެދުގެ އިންވެސްޓްމަންޓެއް ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *