ދަރުމަވަންތަ ސްކޫލްގެ މެތަމެޓިކްސް ޓީޗަރުގެ މަގާމުން ވަކިކުރި އިންޑިއާ ޓީޗަރަކަށް އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާ ދޭން ދިވެހި ސިވިލްސާވިސް ކޮމިޝަންގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.
މި މައްސަލައަކީ ދަރުމަވަންތަ ސްކޫލްގެ މެތަމެޓިކްސް ޓީޗަރުގެ މަގާމުން، ދިވެހި ސިވިލްސާވިސް ގާނޫނާއި ވަޒީފާއާބެހޭ ގާނޫނާއި ދިވެހި ސިވިލް ސާވިސް ގަވާއިދު އަދި އެ ފަރާތާދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފަށް، ވަކިކޮށްފައިވާ ކަމަށްބުނެ އިންޑިއާ ޓީޗަރެއް ކަަމަށްވާ ރަޖީވް ޕަރަކޫލަންގަރަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެވކެވެ.
މި މައްސަލައިގައި އޭނާގެ ފަރާތުން ޓްރައިބިއުނަލްގައި އެދިފައި ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާއި އަދި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، ވަޒީފާ އިއާދަކޮށްދީ އަދި ވަޒީފާ އިއާދަ ކުރެވޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް އެކީ އެއްފަހަރާ ދެއްކުމަށް ސިވިލްސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށް ދިނުމަށްވެސް އެދިފައިވެއެވެ.
މީގެ އިތުރުން އެޖެންސީ ފީގެ ގޮތުގައި ދައްކާފައިވާ 250،000 އިންޑިއަން ރުޕީސް ދެއްކުމަށް ސިވިލްސާވިސް ކޮމިޝަނަށް އަމުރުކޮށް ދިނުމަށްވެސް އެދިފައިވެއެވެ.
މި މައްސަލައަށް ޖަވާބުދާރީވަމުން ސިވިލްސާވިސް ކޮމިޝަނުން ބުނެފައި ވަނީ، މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާގޮތަށް ކަނޑައެޅޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅައިދޭ ކަމަށެވެ. އަދި އެފަރާތުން އެދިފައިވާ އަމުރުތައް ނެރެދޭންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށްވެސް އެދިފައިވެއެވެ.
މި މައްްސަލައިގެ ނިންމުމުގައި ޓްރައިބިއުނަލުން ބުނެފައިވަނީ، މީހަކު ގާނޫނާހިލާފަށް ވަޒީފާއިން ވަކި ކުރުމުގެ ސަަބަބުން ނަގައިދެވޭ ބަދަލަކީ ވަކި ކުރުމުގެ ސަބަބުން މުވައްޒިފަށް ލިބުނު ގެއްލުން ފޫބެއްދުމަށް ނަގައިދެވޭ ބަދަލެއް ކަމުން، ބަދަލުގެ ގޮތުގައި ނަގައިދެވޭނީ ވަޒީފާއިން ވަކިކުރުމާއި ސަބަބާ ގުޅުމެއް އޮތް ގެއްލުމަކަށް ކަމަށެވެ.
އެގޮތުން އެ ފަރާތުން ނަގައިދިނުމަަށް އެދިފައިވާ އެޖެންސީ ފީ ދައްކާފައި ވަނީ ވަޒީފާ ލިބިގަތުމަށްޓަކައި ދެ ފަރާތުގެ ދެމެދުގައި ވަޒީފާގެ ގުުޅުން ފެށުމުގެ ކުރިން ކަމަށްވާއިރު، އެއީ ވަޒީފާއިން ވަކިކުރުމުގެ ނަތީޖާއެއްގެ ގޮތުން އުފުލަން ޖެހުނު ހަރަދެއްނޫންކަކަމަށްވެސް ބުނެފައިވެއެވެ. އަދި އެޖެންސީ ފީ ދައްކާފައި ވަނީ ސިވިލްސާވިސް ކޮމިޝަނުންކަން އެނގެން ނެތްއިރު އެހެން ފަރާތަކަށް ދައްކާފައިވާ ފައިސާއެއް އަނބުރާ ދިނުމަށް ސިވިލްސާވިސް ކޮމިޝަންގެ މައްޗަށް އަމުރު ކުރެވިދާނެ ހަމައެއް އޮތް ކަމަށް ނުދެކޭ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އެޖެންސީ ފީގެ ގޮތުގައި މައްސަލަ ހުށަހެޅި ފަރާތުން ނަގައިދިނުމަށް އެދިފައިވާ 250،000 ރުފިޔާ ނަގައިދެވޭނެ ގާނޫނާި ހަމައެއް ނެތް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ނަމަވެސް މި މައްސަލައިގައި ޓްރައިބިއުނަލުން ނިންމާފައި ވަނީ، އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނުގައި ބުނާ ފަދަ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސިވިލްސާވިސް ކޮމިޝަނަށް ސާބިތުކޮށްދެވިފައި ނުވާކަމަށެވެ.
އެހެން ކަމުން އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ މުވައްޒަފަކު ވަޒިފާއިން ވަކިކުރުމުގައި ގާއިމް ކުރަންޖެހޭ މައުލޫއީ އަދުުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމްނުކޮށް ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ނަމަވެސް އަލުން ވަޒީފާ ލިބިދިނުމަށް އޭނާ އެދިފައި ވީނަމަވެސް، އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ އެދިފައިވާގޮތަށް އޭނާ އަދާކުރަމުންދިޔަ ވަޒިފާއަށް އަނބުރާ ރުޖޫއަ ކުރުމަށް އަމުރު ކުރެވިދާނެ ހަމައެއް ނެތް ކަމަށްވެސް ވަނީ ކަޑައަޅައިފައެވެ.
އޭނާ ވަޒިފާއިން ވަކިކުރުމުގައި ގާއިމް ކުރަންޖެހޭ މައުލޫއީ އަދުުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމްކޮށްފައި ނުވާ ސަބަބަށްޓަކައި އޭނާގެ އަސާސީ މުސާރަ އާއި އިނާޔަތްތަކާއެކު ޖުމްލަ ލިބެމުންދިޔަ 16،350 ރުފިޔާގެ ނިސްބަރުން 24 ޖުލައި 2025 އިން ފެށިގެން 25 ޑިސެމްބަރު 2025 ގެ ނިޔަލަށްވާ 83،385 ރުފިޔާ، ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭނާއަށް ދިނުމަށް ޓްރައި ބިއުނަލުން ވަނީ ކަނޑައަޅައިފައެވެ. އަދި އެ ފައިސާ 30 ދުވަހުގެ ތެރޭގައި ރާޖީވް ޕަރަކޫލަންގަރައަށް އެއްފަހަރާ ދިނުމަށްފަހު އެކަން ހަމަޖެހޭތާ ތިން ދުވަސްތެރޭގައި ވަޒީފާާބެހޭ ޓްރައިބިއުނަލަށް ލިއުމުން އެކަން އެންގުމަށް ސިވިލްސާވިސް ކޮމިޝަނުގެ މައްޗަށް ޓްރައި ބިއުނަލުން ވަނީ އަމުރުކޮށްފައެވެ.






