ޖަލަށްލާނެ ކަމުގެ "ބޮލުގެ ރިހުން" އަބަދުވެސް އޮތް ނަމަވެސް، ސިޔާސީ މައިދާނުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސިޔާސީ ހަރަކާތްތަކަކަށް މިވަގުތު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިއްޔެ މަރަދޫފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޖަލަށްލައިފާނެ ކަމުގެ ކަންބޮޑުވުން އޮތް ނަމަވެސް އެކަމާ ބިރުން ފިލައިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި "ހުން އަންނާނެތީ ރަޖާލާންޖެހޭ" އުސޫލުން އަމަލުނުކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންވެސް ބޭނުންވޭ ރައީސް ޔާމީން ހައްޔަރުކޮށްފައި ބަހައްޓަން. އެއްވެސް މީހަކު ބޭނުމެއް ނުވޭ ރައްޔިތުން ކައިރިއަށް އައިސް، ރައީސް ޔާމީނާއި ވާދަކޮށްލައިގެން އިންތިހާބުގެ ނަތީޖާ ހޯދާކަށް،" ސިޔާސީ ވާދަވެރިންނަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް، އެ ފުރުސަތު ގެއްލުވާލުމަށްޓަކައި ވާދަވެރިން އެމަނިކުފާނު ޖަލަށްލެވޭނެ ހުރިހާ ގޮތެއް ހޯދަމުންދާނެ ކަމަށްވެސް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ޕީއެންއެފްގެ އާންމު މެންބަރުން އެމަނިކުފާނުގެ ހައްގުގައި ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، ސިޔާސީ ގޮތުން ކުރިއަށްދިއުމުގައި ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްވަރަކީ ރައްޔިތުން އެމަނިކުފާނަށް ކުރާ އިތުބާރާއި ދެއްވާ ތާއީދު ކަމަށެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅުވައިގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ މައްސަލައެއްގެ ޝަރީއަތް މިހާރުވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެއީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިއްޕަވައި މަނީ ލޯންޑަކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލައެވެ.





