އެގްރޯނެޓްގެ ޗެއާމަންގެ މަޤާމަށާއި މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ބޭފުޅުން އައްޔަނުކޮށްފިއެވެ.
މިފްކޯގެ ދަށުން އެގްރޯނެޓްގެ ޗެއާމަންގެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސްއެވެ. މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ސިނާންއެވެ.
އެގްރޯނެޓް، މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން، ދެ ކުންފުނީގެ ހިންގުން ތަރުތީބުކުރުމުގެ މަސައްކަތްތައް ދަނީ ފަށަމުންނެވެ.
އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ބަދަލުކުރުމަށް ނިންމީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުންނެވެ. މިކަން ހާމަކުރެއްވީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް ވިދާޅުވީ، އެގްރޯނެޓް ކުންފުނި މިފްކޯގެ ދަށަށް ބަދަލުކުރެވިގެންދިއުމާއެކު، ދަތުރުވެރިންގެ މާރުކޭޓް ހުރި ބިމުގައި އެޅުމަށް ތައްޔާރުވަމުންދާ މާލޭ ވެޓް މާކެޓް ކޮމްޕްލެކްސްގެ ހިންގުންވެސް މިފްކޯގެ ދަށަށް ބަދަލުކުރެވި، މަސްވެރިންނާއި ދަނޑުވެރިންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. މާލޭ ވެޓް މާކެޓް ކޮމްޕްލެކްސްގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ 10 އަށް ނިންމަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ބަދަލުގެ ބޭނުމަކީ ހަރަދު ކުޑަ ނިޒާމެއްގެ ތެރެއިން ރައްޔިތުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުންކަމަށް ރައީސް ވިދާޅުވިއެވެ.






