ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީ (ސައުދަލީ) ގެ މައްޗަށް މިހާރު ކުރިއަށްދާ ދަޢުވާއަކީ ސިޔާސީ ދަޢުވާއެއް ކަމަށް، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވެފައިވަނީ، މީސްމީޑިއާ ޕްލެޓްފޯމް އެކްސް (ކުރީގެ ޓްވިޓަރ) ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އަބްދުﷲ ޝާހިދު އޭނާގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވަނީ، ސިޔާސީ ވާދަވެރިންނާ ދެކޮޅަށް ކޯޓުތައް ހަތިޔާރަކަށް ބޭނުންކުރާހާ ހިނދަކު، މި ދިވެހިރާއްޖެއަށް ޑިމޮކްރަސީގެ މަގުގައި ކުރިއަކަށް ނުދެވޭނެ ކަމަށެވެ.
އޭނާ ވަނީ މޭޔަރު ސައުދު ޢަލީއަކީ ބިރު ދައްކައި ފަހަތަށް ޖެއްސޭނެ ލީޑަރެއް ނޫން ކަމަށް ވެސް ފާހަގަކުރައްވާފައެވެ. އަދި މޭޔަރު ސައުދަށް ތާއީދުކުރައްވާ ޝާހިދު ވިދާޅުވީ، "އަޅުގަނޑުމެން މިތިބީ ސަޢުދުއާއެކު" ކަމަށެވެ.
މޭޔަރު ސައުދުގެ މައްޗަށް ކުރެވިފައިވާ ދަޢުވާތަކާއި ގުޅިގެން އެމްޑީޕީގެ ފަރާތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު(އަންނި) ވެސް ވަނީ މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.






