ތިނަދޫ ސިޓީގެ ދަރަޖައިގެ މައްސަލައިގައި ސައުދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ތާވަލުކޮށްފި

ތިނަދޫ ސިޓީގެ ދަރަޖައިގެ މައްސަލައިގައި ސައުދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ތާވަލުކޮށްފި

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެ ރަށު ކައުންސިލްގެ ރައީސް ސައުދު އަލީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުން ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

ހާޒިރުވެގެން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ މި މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވަނީ މިއަދު ހެނދުނު 09:00 އަށެވެ.

މި މައްސަލައަކީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމުގެ ބޭނުމުގައި، އެ ރަށުގެ އާބާދީގެ އަދަދުތަކާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ދޮގު އަދި ސައްހަނޫން މައުލޫމާތުތަކެއް ހުށަހަޅާފައިވާކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި ސައުދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ. މި ދެ ކުށުގެ އަސާސީ އަދަބު އެއްކޮށްލުމުން ޖުމުލަ 2 އަހަރާއި 1 މަސްދުވަހުގެ ޖަލު ހުކުމެއް އާދެއެވެ. އެގޮތުން، އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް ކަމަށްވާއިރު، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވި ގޮތުގައި، ސައުދުގެ މައްޗަށް ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ އުފުލީ، ތިނަދޫ ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން އޭނާ ސޮއިކުރައްވައި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުއްވި ލިޔެކިޔުންތަކުގައި މަރުވެފައިވާ މީހުންނާއި ސައްހަކަން ކަށަވަރުނުވާ މީހުންގެ މައުލޫމާތު ހިމަނާފައި ވާތީއެވެ.

މީގެއިތުރުން، އައިޑީ ކާޑު ނަންބަރާއެކު ސައްހަ ލިސްޓެއް ހުށަހެޅުމަށް އެލްޖީއޭއިން އެންގުމުން، ދެވަނަ ފަހަރަށް ފޮނުވި ލިސްޓުގައި އެހެން ރަށްރަށުގެ ރަޖިސްޓްރީގައި ތިބި މީހުންނާއި، އެއް ބައެއްގެ ނަންތައް ތަކުރާރުކޮށް ހިމަނާފައިވާކަން ވެސް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *