އީސީގެ ކުރީގެ ރައީސް ޒާހިދަށް ދިން ގޯތީގެ މައްސަލާގައި ވަގުތީ އަމުރެއް

އީސީގެ ކުރީގެ ރައީސް ޒާހިދަށް ދިން ގޯތީގެ މައްސަލާގައި ވަގުތީ އަމުރެއް

ބިންވެރިޔާ ސްކީމުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް މުހައްމަދު ޒާހިދަށް ހުޅުމާލެއިން ދޫކުރި ގޯތީގެ ރަޖިސްޓްރީ ހައުސިން މިނިސްޓްރީން ބާތިލްކުރި މައްސަލާގައި، އެ ގޯތި އެހެން މީހަކަށް ދިނުން ހުއްޓުވުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

އެ މައްސަލައިގައި ޒާހިދު ވަނީ ސިވިލް ކޯޓުގައި ހައުސިން މިނިސްޓްރީގެ މައްޗަށް ދައުވާކޮށްފައެވެ.

އެ ދައުވާގައި ޒާހިދު ބުނެފައި ވަނީ އޭނާއަށް ދޫކުރި ގޯތި  މިނިސްޓްރީން ބާތިލްކޮށްފައި ވަނީ ފޯމާ އެކު އޭނާ ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ ކަމަށެވެ. އެގޮތުން ގޯތި ދިން އެއްބަސްވުން މިނިސްޓްރީން ބާތިލް ކޮށްފައި ވަނީ ބިންވެރިޔާ ސްކީމުގެ އުސޫލާއި، ގާނޫނުއަަސާސީގެ 40 ވަނަ މައްދާގެ (ށ) އަދި ސުޕްރީމް ކޯޓުގެ ނިންމުމަކާއި ގާނޫނީ މަސްދަރުތަކާ ހިލާފަށް ކަމަށްވެސް ބުނެފައިވެއެވެ.

އެހެން ކަމުން ގޯތީގެ ރަޖިސްޓްރީ އަދި އެއްބަސްވުން ބާތިލް ކުރުން ގޯސްކަމަށް ކަނޑައެޅުމަށާއި، އެ ގޯތީގެ ވެރިފަރާތަކީ ޒާހިދު ކަމަށް ކަނޑައަލައި ހައުސިން މިނިސްޓްރީގެ  ނިންމުމުގެ ސަބަބުން ޒާހިދަށް ލިބުނު ގެއްލުމަށް މިނިސްޓްރީން ޒިންމާވާންޖެހޭނެކަމަށް ކަނޑައަޅައިދިނުމަށް މި ދައުވާގައި ސޒާހިދު ވަނީ އެދިފައެވެ. އަދި ދައުވާ ފޯމުގައި ކަނޑައަޅާފައިވާ އިތުރު ފަރުވާތައް ހޯދުމަށް ވެސް ހުށަހަޅާފައިވެއެވެ.

އެހެން ކަމުން މި މައްސަލައަށް ވަކި ގޮތެއް ނިމެންދެން ޒާހިދު ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް ކޯޓުގައި އެދުނެވެ. އެގޮތުން އެ ގޯތި ތިންވަނަ ފަރާތަކަށް ދީފި ނަމަ ނުވަތަ ވިއްކައިފިނަމަ ނުވަތަ އެނޫންވސް ތިންވަނަ ފަރާތެއްގެ ހައްގެއް ބިމުގެ މައްޗަށް އުފަން ކުރުވައިފިނަމަ، ޒާހިދު ހުށަހަޅާފައިވާ އަސާސީ ދައުވާގައިވާ ފަރުވާ ނުލިބުމުގެ އިހްތިމާލް އޮތް ކަމަށް ވަގުތީ އަމުރަށް އެދެމުން ޒާހިދު ވަނީ ބުނެފައެވެ.

އެހެންކަމުން އެ ގޯތި ވިއްކުމާއި ދިނުން އަދި އެހެންވެސް ގޮތަކުން ބިމުގެ މައްޗަށް އެހެން ތިންވަނަ ފަރާތެްގެ ހައްގެއް އުފަންވެދާނެ އެއްވެސްކަމެއް ނުކުރުމަށް މިނިސްޓްރީ އޮފް އިންފްރާންސްތްރަކްޝާ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންތްގެ މައްޗަށް އަންގައި އަދި އެފަދަ ކަމެއް ކުރަން އުޅޭނަމަ އެކަން ހުއްޓާލުމަށް އެ މިނިސްޓްރީއަށް އަންގައި އަމުރުކޮށްދިނުމަށްވެސް ޒާހިދު ވަނީ އެދިފައެވެ.

އެ މައްސަލައަށް ރައްދުދެމުން ދއުލަތުން ކޯޓުގައި ބުނެފައިވަނީ ސައްހަ ނޫން މައުލޫމާތެއް ހުށަހަޅައިގެން ބިން ހޯދި ކަމަށް ދައުލަތުން ނުބުނާ ކަމަށާއި ރަށްވެހިކަމާ ގުޅޭ މައުލޫއީ ހަގީގަތެއްގެ ސަބަބުން ގޯތި ލިބުމުގެ އަސާސީ ޝަރުތު ޒާހިދުގެ ހަމަ ނުވަނީ ކަމަށެވެ. އެއީ މާލެއަށް އުފަން މީހުންނަށް ދޫކުރި ގޯތިތަކެއް ކަމަށް ވާއިރު ޒާހިދަކީ އަދި މައިންބަފައިންނަކީ ވެސް އެ ޝަރުތު ފުރިހަމަނުވާ މީހުންކަން ސާފުކޮށް އެނގެން އެބަ އޮތް ކަމަށާއި ޒާހިދަށް ގޯތި ދީފައި އޮތީ އެކަން އެނގޭ ހާލަތުގައި އުސޫލާ ހިލާފަށް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެހެންވެ ހުޅުމާލޭގެ ބިމުގެ މައްޗަށް ޒާހިދަށް އެއްވެސް ހައްގެއް އަދި މިލްކުވެރިކަމެއް ވެސް ނެތް ކަމަށް ދައުލަތުން ބުންޏެވެ. ޒާހިދުގެ އަސްލު ރަށަކީ ހއ. ހަތިފުއްޓެވެ. އެ ރަށު މީހުން ފަހުން ވަނީ ހދ. ހަނިމާދުއަށް ބަދަލުކޮށްފައެވެ. އެކަމަކު ޒާހިދުގެ ރަޖިސްޓްރީ މިހާރު އޮތީ މާލޭ ދަފްތަރުގަ އެވެ.

މި މައްސަލައިގެ ވަގުތީ އަމުރާބެހޭގޮތުން ސިވިލް ކޯޓުން ބުނެފައި ވަނީ ދައުވާއާ ގުޅިގެން ކަނޑައަޅަންޖެހޭ ކަންކަން ބިނާވެފައި ވަނީ ގޯއްޗެއް އޭގެ ޒާތުގައި އައްޔަންވެ ލިބިފައި އޮތް އޮތުމާއި އެ ބިން ދިނުން ބާތިލް ކުރުމުގެ މައްޗަށް ކަމަށެވެ.

އެހެންކަމުން ޒާހިދު އެދޭ ވަގުތީ އަމުރު ނެރެންޖެހޭ ހާލަތު އޮތް ކަމަށް ކޯޓުން ގަބޫލުކުރާ ކަމަށެވެ.

އެހެން ކަމުން މި މައްސަލައިގައި ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ޒާހިރުގެ ނަންމަތީގައި އޮތް ގޯތި ވިއްކުމާއި ދިނުމާއި އަދި އެހެން ވެސް ގޮތަކުން އެ ބިމުގެ މައްޗަށް އެހެން ތިންވަނަ ފަރާތެއްގެ ހައްގެއް އުފަން ވެދާނެ އެއްވެސް ކަމެއް، ނުކުރުމަށް ހައުސިން މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *