ކުރީގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޑރ. މުހައްމަދު އަލީ، އުމުރުފުޅުން 67 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީ އައިޖީއެމްއެޗްގައެވެ.
ތިމާވެށީގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ މުހައްމަދު އަލީ، ކުރީގެ ޕްލޭނިން މިނިސްޓްރީއާއި އެންވަޔަރަންމަންޓް މިނިސްޓްރީގައި އިސްވެރިކަމުގެ މަގާމުތައް ފުރުއްވަމުން، ދިގު މުއްދަތެއްގެ ތެރޭގައި ތިމާވެއްޓާ ބެހޭ ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ.
މީގެއިތުރުން، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްކަން ވެސް ފުރުއްވާފައިވެއެވެ.
ތިމާވެށްޓަށް އޮތް ލޯތްބެއްގެ ސަބަބުން، ގިނަ ފަހަރު އޭނާ ދަތުރުފުޅު ކުރެއްވީ ފައިމަގުގައި ނުވަތަ ބައިސްކަލުގައެވެ.






