ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ހަމަޖައްސައިދޭނެ ކަމަށް މެލޭޝިއާއިން ބުނެފި

ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ހަމަޖައްސައިދޭނެ ކަމަށް މެލޭޝިއާއިން ބުނެފި

ރާއްޖޭން އެދިފައިވާ ގޮތަށް މެލޭޝިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ހަމަޖައްސައިދޭނެ ކަމަށާއި، ރާއްޖެއިން އެދުނު އެހެން ގިނަ ކަންތައްތަކަށްވެސް އިޖާބާދޭނެ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައި އަންވަރު ވިދާޅުވީ، ރާއްޖޭގެ ސެންޓްރަލް ބޭންކް އެމްއެމްއޭއިން، މެލޭޝިއާގެ ސެންޓްރަލް ބޭންކުގައި އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފެސިލިޓީ ހަމަޖައްސައިދޭން އެއްބަސްވެވަޑައިގެންފައިވާނެ ކަމަށާއި، އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ދެ ބޭންކުން ވީ އެންމެ އަވަހަކަށް ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ވިސާ ނުލިބޭ މައްސަލައަކީ ބިއުރޮކްރެޓިކް މައްސަލައެއް ކަމަށާއި، ދެން އެންމެ އަވަހަށް ބާއްވާ ކެބިނެޓް ބައްދަލުވުމަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށްވެސް އަންވަރު ވިދާޅުވިއެވެ. މީގެ އިތުރުން، މެލޭޝިއާއިން ސިއްހީ ފަރުވާ ހޯދާ ދިވެހިންނަށް ކުރިމަތިވާ ދަތިތައްވެސް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއިން ތެޔޮ ފެނޭތޯ ބެލުމަށް މެލޭޝިއާގެ ގައުމީ ތެޔޮ ކުންފުނި ޕެޓްރޮނާސްގެ އެހީތެރިކަން ހޯއްދަވަން ރައީސް މުއިއްޒު ހުށަހެޅުއްވުމުން، އަންވަރު ވިދާޅުވީ އެ ކުންފުންޏާ އެކަމާ މަޝްވަރާކުރައްވާނެ ކަމަށެވެ.

މެލޭޝިއާ އާއި ރާއްޖެއިން އެއްބާރުލުން އިތުރުކުރުމަށް ދެ ގައުމުގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމެއް މިއަހަރު ނިމުމުގެ ކުރިން ބާއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *