ހާއްސަ ވިސާތަކުގައި ރާއްޖެ އެތެރެވުމަށް ފަހު ވޯކް ވިސާއަށް ބަދަލު ނުކުރެވޭ ގޮތަށް ހޯމް މިނިސްޓްރީން ހަދައިފިއެވެ.
މި ބަދަލުގެނެސް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ވަނީ އެކަން އިއުލާން ކޮށްފައވެ. ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ އިއުލާންގައި ބުނެފައިވަނީ ބިޒްނަސް ވިސާ ދޫކުރަނީ ވިޔަފާރީގެ ކަންކަމަށް ބޭރުގެ ޕްރޮފެޝަނަލުން ކުރު މުއްދަތަކަށް ގެންނަން ކަމަށެވެ.
ނަމަވެސް، ބައެއް ވިޔަފާރިތަކުން ވޯކް ޕާމިޓް ހޯދުން އަވަސްކުރުމަށް ނަހަމަ ގޮތުގައި ބިޒްނަސް ވިސާ ބޭނުންކުރާ ކަމަށް ވެސް ބުނެފައިވެއެވެ. މިނިސްޓްރީން ބުނެފައި ވަނީ އެކަން ކުރަނީ ބިޒްނަސް ވިސާގައި ރާއްޖެ އެތެރެވުމަށްފަހު ވޯކް ވިސާއަށް ބަދަލުކޮށްގެން ކަމަށެވެ.
އެހެންކަމުން މިހާރު ބިޒްނަސް އަދި ސްޕެޝަލް ވިސާގައި ރާއްޖެ އެތެރެވާ ބިދޭސީންނަށް ވޯކް ވިސާއަށް ބަދަލުނުވެވޭ ގޮތަށް މިއަދުން ފެށިގެން ހަމަޖައްސާފައި ކަމަށް މިނިސްޓްރީގެ އިއުލާންގައި ބުނެފައިވެއެވެ.
މި ވިސާތަކުގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް 'އެކްސްޕެޓް ސިސްޓަމް' މެދުވެރިކޮށް ވޯކް ޕާމިޓަށް އެދި ހުށަނޭޅޭނެ ކަމަށް ވަޒީފާދޭ އެންމެހާ ފަރާތްތަކުގެ މައުލޫމާތައްތަކާ ދަންނަވާ ކަމަށްވެސް އިއުލާންގައި ވެއެވެ. އެހެންކަމުން އެ ކަމާބޭ އިތުރު މައުލޫމާތު ސާފުކުރަން 1485 އަށް ގުޅައި ނުވަތަ [email protected] އަށް އީމެއިލްކުރަން މިނިސްޓްރީން ވަނީ އެދިފައެވެ.






