ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވިއިރު ހުރި އަގަށްވުރެ ޑޮލަރުގެ އަގު މިހާރު ދަށްވެފައިވާ ކަަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް ގާނޫނުގެ ދަށުން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާއި އެކަމުގެ ސަބަބުން އަންނަ ހެޔޮ ބަދަލާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ޑޮލަރުގެ މާކެޓު މެނިޕިއުލޭޓްކޮށް އުފެދުނު ކަޅު ބާޒާރުގެ ސަބަބުން ޑޮލަރުގެ އަގު މައްޗަށް ދިޔަ ނަމަވެސް، ބޭރު ފައިސާ މާރުކުރުގެ ގާނޫނަށް މިފަހުން ގެނައި އިސްލާހުތަކާ ގުޅިގެން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ސަަބަބުން ޑޮލަރުގެ އަގަށް މިހާރު ދަށް ވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރު ހަވާލުވިއިރު ހުރި ރޭޓަށްވުރެ ޑޮލަރު ރޭޓް ދަށަށް ގޮސްފަ ވާކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު މި ލިބެނީ، މާނައަކީ ކުރީގަ ނިމިދިޔަ ސަރުކާރުން އަޅުގަނޑުމެންގެ ސަރުކާރު އައީ 17 ނޮވެމްބަރު 2023ގައި އައިއިރުގަ ހުރި ރޭޓް ލައިކްލީ އެ ބޭންޑުގައި "ޑޮލަރު ރޭޓް" އުޅޭކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ މިއީ ވަރަށް ބޮޑު ކުރިއެރުމެއް، އެއީ މި މަސައްކަތް ފެށީއިރުގައި އަގުތައް ވަރަށް ބޮޑުވެފަ ހުރީ،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ޑޮލަރުގެ ކަޅު ބާޒާރެެއް އުފެދި ބޮޑު އަގުގައި ޑޮލަރު ވިއްކާކަމަށް ލިބިނު މައުލުމާތުތަކާ ގުޅިގެން ގުޅުންހުރި ދާއިރާތައް ގުޅިގެން އެކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފެށި ކަމަށެވެ. އަދި މިހާރު މިފެންނަނީ އެކަމުގެ ނަތީޖާ ކަމަށްވެސް މިނިސްތަރު ވިދާޅުވިއެވެ.
އެ މަސައްކަތްތަކުގައި ވިޔަފާރިވެރިންދޭ އެއްބާރުލުމަށް ސައީދު ޝުކުރު އަދާ ކުރެއްވިއެވެ. އަދި ބޭރުފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކުން ސަރުކާރާ ވަަރަށް ގާތުން ކުރަމުން ގެންދާ މަސައްކަތްތަކާއި އެއްބާރުލުން ތަކަށްވެސް ސައީދު ޝުކުރު އަދާކުރެއްވިއެވެ.
އެ މަސައްކަތްތަކުގައި ކުރިއަށް ރޭވިފައި ބައެއް ކަންކަން އެބަހުރިކަން ފާހަގަ ކުރައްވައި، ޑޮލަރުގެ އަގު ދަށްކުރަން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާއި ކުރަމުންގެންދާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.






