ރަންނަމާރި ވާހަކައާ ގުޅޭގޮތުން ދެކެވޭ ބައެއް ވާހަކަތަކުގެ ހަގީގަތް

ރަންނަމާރި ވާހަކައާ ގުޅޭގޮތުން ދެކެވޭ ބައެއް ވާހަކަތަކުގެ ހަގީގަތް

ދިވެހިރާއްޖެ އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ލިބިގަތުމަކީ ދިވެހި ތާރީޚުގައި ހިނގައިދިޔަ އެންމެ މުހިންމު އަދި އެންމެ ބޮޑު ނިއުމަތެވެ. ޖަހާލަތުގެ އަނދިރިކަމުން ސަލާމަތްވެ، ތައުހީދުގެ އަލިކަމުގެ ތެރެއަށް ދިވެހިން ވާސިލުވިތާ ގަރުނުތަކެއް ވެފައިވާއިރު، ރާއްޖެ އިސްލާމްވި ގޮތާ މެދު ތުންތުންމަތިންނާއި ތާރީޚީ ލިޔުންތަކުގައި ތަފާތު ވާހަކަތަކެއް ވަނީ ބަޔާންވެފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އަދި ގިނަ ބައެއްގެ މެދުގައި މަޝްހޫރުވެފައިވާ ވާހަކައަކީ "ރަންނަމާރި" އާއި އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީގެ ވާހަކައެވެ.

އިބްނު ބަތޫތާގެ ދަތުރުނާމާގައިވާ ރަންނަމާރީގެ ވާހަކަ

ރަންނަމާރީގެ ހާދިސާ އެންމެ ތަފުސީލުކޮށް ލިޔެވިފައިވަނީ 14 ވަނަ ގަރުނުގައި ރާއްޖެ ވަޑައިގެންނެވި މަޝްހޫރު މުސްލިމް ދަތުރުވެރިޔާ އިބްނު ބަތޫތާގެ ދަތުރުނާމާގައެވެ. އޭނާ ބަޔާންކުރައްވާފައިވާ ގޮތުގައި، ދިވެހިން ކާފަރުކަންމަތީ ތިބި ދުވަސްވަރު ކޮންމެ މަހަކު އެއްފަހަރު ކަނޑުގެ އަޑިން ބައްތިތަކެއް ދިއްލާފައިވާ ނަވެއްގެ ސިފައިގައި ފުރޭތައެއް ފާޅުވެއެވެ.

މި ފުރޭތައިގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި، ކޮންމެ މަހަކު ވެސް ގުރުއަތުން ހޮވޭ ބިކުރުވެރި އަންހެން ކުއްޖަކު ނަލަހައްދައިގެން ގޮސް އަތިރިމަތީ ހުންނަ ބުދު ފައްޅިއެއްގައި ބައިންދަން ޖެހެއެވެ. އަދި އަނެއް ދުވަހުގެ ހެނދުނު ބަލާއިރު އެ ކުއްޖާ އޮންނަނީ މަރުވެފައެވެ.

މި ހިތާމަވެރި ހާދިސާތައް ހިނގަމުން ދަނިކޮށް، މަޣުރިބުކަރައިން ވަޑައިގެންނެވި އަބުލްބަރަކާތުލް ބަރުބަރީ، ގުރުއަތުން ހޮވުނު އަންހެން ކުއްޖާގެ ބަދަލުގައި އެރޭ ފައްޅިއަށް ވަޑައިގެންނެވިއެވެ. އެރޭ އެކަލޭގެފާނު ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވާން އިންނަވަނިކޮށް ރަންނަމާރި ފާޅުވުމުން، ޤުރުއާނުގެ މާތް އަޑު އަހައި އެ ސޮރު އަނބުރާ ކަނޑަށް ފީނައި ގެއްލުނީއެވެ. މި އަޖައިބު ކުރުވަނިވި މުއުޖިޒާތެއް ފަދަ ކަންތަކަށްފަހު، ރާއްޖޭގެ ރަދުންނާއި އެންމެހައި ރައްޔިތުން އިސްލާމްދީން ގަބޫލުކުރެއްވި ކަމަށް އިބްނު ބަތޫތާ ބަޔާން ކުރައްވައެވެ.

ވާހަކައިގެ ހަގީގަތާމެދު ދެކެވޭ ތަފާތު ނަޒަރިއްޔާތައް

މި ވާހަކައަކީ ހަމައެކަނި ފުލޯކު ވާހަކައެއްގެ ގޮތުގައި ބައެއް މީހުން ދެކޭއިރު، އަނެއް ބަޔަކު ދެކެނީ މިއީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާވެ، ފަހުން އޮޅުންތަކެއް އެކުލެވިފައިވާ ވާހަކައެއްގެ ގޮތުގައެވެ. ބައެއް ފަރާތްތަކުން ކުރާ ތުހުމަތަކީ އޭރުގެ ރަސްގެފާނު ޒުވާން އަންހެން ކުދިންނަށް ގޯނާކުރައްވައި މަރާލަނީ ކަމަށެވެ.

ނަމަވެސް، ވިސްނާލަންޖެހޭ ކަމަކީ ރަސްކަމުގެ ބާރު އޮތް ޒަމާނެއްގައި ރަސްގެފާނަށް އަންހެނަކު ވެދުންކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެތީ، މިފަދަ ބޮޑު އޮޅުވާލުމެއް ހަދަންޖެހޭ ސަބަބެއް ސިޔާސީ ގޮތުންނާއި މުޖުތަމައީ ގޮތުން ނެތް ކަމެވެ.

ދެން އޮތް އެންމެ ބޮޑަށް ބުރަވެވޭ ނަޒަރިއްޔާތަކީ، މިކަމަކީ އޭރުގެ ބުދު ފައްޅީގެ ފާދިރީންގެ ސިއްރު ރޭވުމަކަށް ވުމެވެ. ފާދިރީންނަކީ ދީނީ ގޮތުން މުޖުތަމައުގައި އިހުތިރާމާއި ގަދަރު ލިބިފައިވާ ބަޔަކަށް ވުމުން، އެބައިމީހުންގެ ޝަހުވާނީ އެދުންތައް ފާޅުގައި ފުއްދުމުގެ ފުރުސަތެއް ނޯންނާނެއެވެ.

އެހެންކަމުން ދީނާއި ފުރޭތައިގެ ނަމުގައި އަންހެން ކުދިން ގެނެސް، އެކުދިންނަށް އަނިޔާވެރިވެ، ސިއްރު ހިފެހެއްޓުމަށްޓަކައި މަރާލަނީ ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ. އަދި އަބުލްބަރަކާތުގެ ސަބަބުން މި މަކަރުވެރި އަމަލު ފަޅާއަރައި، ފާދިރީންގެ އަބުރު ރައްކާތެރިކުރުމަށާއި މުޖުތަމައުގެ މަސްލަހަތަށްޓަކައި އެ ވާހަކަ ސިއްރުކޮށް އިސްލާމްދީން ގަބޫލުކުރީ ކަމަށް ވެސް ލަފާކުރެވެއެވެ.

ކުރުގޮތަކަށް ދަންނަވާނަމަ، ރަންނަމާރީގެ ވާހަކައަކީ ހަމައެކަނި ޚިޔާލީ ފުލޯކު ވާހަކައެއްގެ ބަދަލުގައި، އޭގެ ފަހަތުގައި އިންސާނީ މަކަރުވެރިކަމާއި އަނިޔާވެރިކަން ފޮރުވިފައިވާ ހަގީގަތްތަކެއް އެކުލެވިގެންވާ ވާހަކައެއް ކަމަށް ބެލެވެއެވެ. ކޮންމެއަކަސް، އެ ހާދިސާ ހިނގައިދިޔަ ގޮތަކަށް ބެލިނަމަވެސް، އެކަމުގެ ނަތީޖާއެއްގެ ގޮތުން މުޅި ދިވެހިރާއްޖެއަށް އިސްލާމްދީނުގެ މަތިވެރި ނޫރު ލިބިގެންދިޔުމަކީ ދިވެހި ތާރީޚުގައި ލިޔެވިފައިވާ އެންމެ އަގުހުރި ހަގީގަތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *